ދިރާސީ އަހަރުގެ އަހަރީ ބޮޑު ޗުއްޓީ ވެސް އައިސް މިއޮއް ޖެހުނީ އެވެ. މި ޗުއްޓީގައި ދާނެ ތަނެއްގެ މަޝްވަރާ މިހާރުވެސް އާއިލާގެ ތެރޭގައި ކުރިއަށް ދާނެކަން ޔަގީނެވެ. މި ލިޔުމުގައި މި ހިމަނާލަނީ މިފަހަރު ޗުއްޓީއަށް ދާން ކަމުދާނެ ބައެއް މަންޒިލް ތަކެވެ.

ކެޕަޑޯކިއާ، ތުރުކީ

ތުރުކީގެ ކެޕަޑޯކިއާ އަކީ ތަފާތު ތަޖުރިބާއެއް ލިބިދޭނެ ޖާދުވީ މަންޒިލެކެވެ. ކެޕަޑޯކިއާގެ "ހޮޓް އެއާ ބެލޫން ފެސްޓިވަލް" އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެކެވެ.

ބާލީ، އިންޑޮނޭޝިއާ

ފެހިގަދަ ގުދުރަތީ މުއްސަނދިކަން ލިބިގެންވާ އިންޑޮނޭޝިއާގެ މި ސަރަހައްދަކީ ހަނީމޫން ފާހަގަ ކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ޓްރޮޕިކަލް" އިހުސާސެއް ގެނުވައިދޭ މަންޒިލެކެވެ.

ކިޔޯޓޯ، ޖަޕާން

މީގެ އަހަރުތަކެއް ކުރިން ޖަޕާނުގެ ވެރިރަށް ކަމަށްވާ ކިއޯޓޯއަކީ ތާރީޚީ އަދި ސަގާފީ މުއްސަނދިކަން ލިބިފައިވާ މަންޒިލަކެވެ. މިއީ ޖަޕާނުގެ ތާރީޚާއި ސަގާފަތް ތަޖުރިބާ ކުރަން ބޭނުންވާ ނަމަ ކޮންމެހެން ދާން ޖެހޭނެ ތަނެކެވެ.

ޖައިޕުރް، އިންޑިއާ

މުއްސަނދި ސަގާފަތެއް ލިބިފައިވާ އިންޑިއާގެ ޖެއިޕޫރުއަކީ އެގައުމުގެ ދުވަސްވީ ރަސްމަތިފުށުގެ ނިޝާންތައް ފެންނާނެ ތާރީޚީ ސަރަހައްދެކެވެ.

ސިއޯލް، ދެކުނު ކޮރެއާ

ސޯލްއަކީ ތަރައްގީވެފައިވާ ސަރަހައްދުތައް ތަޖުރިބާ ކޮށްލަން ބޭނުން ނަމަ އެންމެ ރަނގަޅު މަންޒިލެވެ. ޒަމާނީ އިމާރާތްތަކާއި އެންމެ ފަހުގެ އުމްރާނީ ތަރައްގީ ދައްކުވައިދޭ ސިއޯލްގެ ރަށްބޭރުގައި މައުންޓަން ކްލައިމްބިންގް ފަދަ ހަރަކާތްތައް އޮވެ އެވެ.

ތިމްޕޫ، ބޫޓާން

ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ބޫޓާންގެ ވެރި ރަށް ތިމްޕޫއަކީ އެ ސަރަހައްދަށް ލިބިފައިވާ ގުދުރަތީ އަދި ތާރީހީ މުއްސަނދި ކަމުގެ ސަބަބުން ހިތްހަމަ ޖެހުމާއި ހަމަހިމޭން ކަން ގެނެސްދޭނެ ތަނެކެވެ.

ސިންގަޕޫރު

އޭޝިއާގެ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި މިހާރުވެސް ހިމެނޭ ސިންގަޕޫރަކީ ކޮންމެ ބޭނުމެއްގައި ދަތުރު ކުރިނަމަވެސް އެންމެ ރަނގަޅު މަންޒިލެކެވެ. ވިޔަފާރި ވިޔަސް، ޗުއްޓީ ވިޔަސް ސިންގަޕޫރުން ތިބާގެ ބޭނުންތައް ފުދޭނެ އެވެ.