ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ގުޅުވައި، އެމަނިކުފާނަށް އެކަމުގެ ތުހުމަތު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮޮމުގެ ހަމާލާގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށް ބުނެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ދަ ޑިމޮކްރެޓްސް ގެ މެމްބަރުން ވަނީ އެ ތުހުމަތުތައް ތަކުރާރުކުރައްވައި އެކަމުގެ އަޑީގައި ސީދާ ހުންނެވީ ރައީސް ސޯލިހު ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ރައީސް ސޯލިހާ ބޮމުގެ ހަމަލާއާ ގުޅުވައި ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

މިއުވާން ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެވާހަކަތައް ދައްކަނީ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ. އަދި އެމެމްބަރުން އެވާހަކަތައް ދައްކަނީ އެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި އެ މެމްބަރުންނަށް ގެއްލުނު ތާއީދު އަނބުރާ ލިބޭނެ ކަމަށް ދެކިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގައި ހަގީގަތެއް އޮތް ނަމަ މި ދެ ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަނި ކީއްވެގެންތޯ އެ ވާހަކަ ދައްކަންވީ," މިއުވާން ވިދާޅުވި އެވެ.

އެވާހަކަތައް ސާބިތުކޮށްދޭން ޖެހޭ ޕްލެޓްފޯމެއްގައި އެވާހަކަ ނުދައްކަނީ ކީއްވެތޯ މިއުވާން ސުވާލު އުފެއްދެވި އެވެ.

މިއުވާން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ބައިބައިވުން އުފެއްދުމަށް އެފަދަ ދޮގު ވާހަކަ ދައްކާނަމަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބަލާނެ ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މޭރީ ބްރައުން ދޮށުގައާއި ޔާގޫތުގެ ދޮށުގައާއި ކެނެރީގޭ ދޮށުގަ ބޮމެއް ހަރުކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ އެނގިފައިކަން އެމަނިކުފާނަށް ޔަގީން ކޮށްދެވިދާނެ ކަމަށެވެ.