ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލްގެ ނަސީބުވެރި ފަރާތާ ސައިކަލް މިއަދު ހަވާލު ކޮށްފި އެވެ.
ސައިކަލް ހަވާލު ކޮށްދީފައި ވަނީ ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ. ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުން ފެށުނު މި ހަފްލާގައި އިނާމު ހަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާއި އެއްގޮތައް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު ވެސް އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ލިބިގެންދިޔަ އެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މިދިޔަ ބަރަކާތްތެރި ރަމަޟާން މަހު އެ ކުންފުނީގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ހަދިޔާއެއް ދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބުނު ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އުއްމީދުކުރަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާއެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ސީއީއޯ ވިދާޅުވި އެވެ.
"ހަދިޔާ ފޮށި" ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
އުރީދޫން ބުނިގޮތުގައި މި ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލް، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނެ އެވެ. ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ކޮންމެވެސް ހަދިޔާއެއް ލިބޭއިރު، އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފަ އެވެ.
ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް ރަމަޟާން މަހުގެ ތެރޭގައި ވެސް ހަވާލުކުރެވެމުން ދިޔައިރު، އީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ވަނީ ހަވާލު ނުވެ ހުރި ކަސްޓަމަރުންނާ އެ ހަދިޔާތައް ހަވާލު ކޮށްފައިވާ ކަމަށް އުރީދޫން ބުނެ އެވެ.
ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް މެދުނުކެނޑި ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސް އިން އަރުވަ އެވެ.