ޕްރިޔަންކާ ޗޯޕްރާއޭ ބުނުމުން މިހާރު ނޭނގޭނެ މީހަކު ވަރަށް މަދުވާނެ އެވެ. ބޮލީވުޑްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު މިހާރު ޕްރިޔަންކާ ފެންނަނީ ހޮލީވުޑް އިންނެވެ.

ގިނަ ބަޔަކު ހީކުރި ގޮތުގައި ޕްރިޔަންކާ ބޮލީވުޑް ދޫކޮށް ހޮލީވުޑަށް ބަދަލުވީ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނިކޮށް އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުވުމުން ކަމަށެވެ.

އެހެން ނަމަވެސް މިފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އޭނާ ބޮލީވުޑް ދޫކޮށްލި އަސްލު ސަބަބު ހާމަކޮށްފަ އެވެ. އެއީ އޭނާގެ ކައިވެނި ނޫންކަމަށް ޕްރޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާ ހާމަކުރި ގޮތުގައި ބޮލީވުޑްގައި އޭނާ މަސައްކަތް ކުރި ފަހު އަހަރުތަކުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން އޭނާއަށް ރަނގަޅު ފިލްމުތައް ނުލިބުމާއި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެކްޓަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ވެސް އޭނާ ފާހަގަކުރި އެވެ.

މީގެ އިތުރުން އޭނާއަށް ފިލްމެއްގެ ތެރެއިން ހުށައެޅުނު "ލާއިންސާނީ ހުށައެޅުމެއް"ގެ ވާހަކަ ވެސް ޕްރިޔަންކާ ހިއްސާކުރި އެވެ. ސެޓުގައި ބަރަހަނާ ވުމަށް ޑައިރެކްޓަރު އެދުނު ކަމަށާއި އެހިސާބުން ބޮލީވުޑް ދޫކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެ ކަން އޭނާއަށް އިހުސާސްވި ކަމަށް ޕްރިޔަންކާ ބުންޏެވެ.

ބޮލީވުޑް ދޫކޮށްލުމަށްފަހު ޕްރޔަންކާ ވަނީ ހޮލީވުޑްގެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތިން ބޭވޮޗްއާއި ސިޓަޑޭލްއަކީ އޭނާގެ އެންމެ ފާހަގަކޮށްލެވޭ ހޮލީވުޑް މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތަކެވެ.