ޗެނަލް 13 އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންޒާރު ދިނުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ހުށައަޅައިފި އެވެ. މި ކުއްލި މައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

މިމައްސަލަ އެޅުމުން ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. ނުފެންނަ ކަމަށް 26 މެމްބަރުންގެ ވޯޓާއެކު މައްސަލަވަނީ ބޭރު ކޮށްލާފަ އެވެ.

ކުއްލި މައްސަލާގައިވަނީ ގާނޫނު އަސާސީގެ 27ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކަށް، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާކަމަށެވެ. މިކަން މިހެން އޮތް އިރު ޤާނޫނު އަސާސީގެ 28ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ހަބަރާއި މަޢުލޫމާތު ފެންނަގޮތަކާއި، ހިޔާލުތައް ފާޅުކުރުމާއި ޝާޢިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް، ފޯރުކޮށްދީފައިވާކަން ޝިޔާމުގެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

އަދި ގާނޫނު އަސާސީން ދިވެހިންނަށް ކަށަވަރުކޮށްދޭ ހައްގުތައް ހަނިކުރެވޭނެ މިންވަރާއި، އެ ހައްގުތައް ހަނިކުރެވޭނެ ގޮތް ގާނޫނު އަސާސީގެ 16ވަނަ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި އެހައްގުތައް ހަނިކޮށްފައި ނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލި ގައިޑްލައިނެއް ނުވަތަ ކޯޑެއްގެ ތެރެއިން އެހައްގުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަމަށްވެސް މި މައްސަލައިގައި ބުނެފައިވެ އެވެ.

އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްގުތަކާއި މިނިވަންކަން ހިފަހައްޓަންޖެނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފަހައްޓަންޖެހޭ މިންވަރަށްކަން ނުވަތަ އިސްލާމްދީނުގެ އަސްލެއް ހިމާޔަތްކުރުމަށްޓަކައި ހިފަހައްޓަންޖެހޭ މިންވަރަށްކަން ގާނޫނު އަސާސީގެ 16ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަންވެސް ޝިޔާމް ފާހަގަކޮށްފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ޗޯރަށް" ގޮވި ކަމަށް ބުނެ ޗެނަލް 13 ގެ މައްސަލަ ބަލަން ނިންމާ ބްރޯޑްކޮމްއިން ވަނީ ޗެނަލް 13 އަށް ސިޓީއެއް ފޮނުވާފަ އެވެ.

ބްރޯޑްކޮމްއިން ޗެނަލް 13 ގެ މޭނެޖިން ޑިރެކްޓަރ، އަހުމަދު ނާސިފަށް ދޮނުވި ސިޓީގައި ވަނީ އެ ޗެނަލުން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް ބްރޯޑްކާސްޓް ކުރި 0ލަވަތައް) "ކަނޑުފޭރޭ ޗޯރު)، "ފެލާލައިފި" އަދި ލުޓޭރު އިބުރޭ" މި ތިން ލަވަ ހިމެނޭ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ހިލާފުވާ މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.