"އަޅުގަނޑު މި ވިދާޅުވަނީ ތި ބޭކަލުން ތި ދެންނެވި ވާހަކައަށް އަޅުގަނޑު ވަރަށް ވިސްނަވާފައި ވިދާޅުވާ ވާހަކަފުޅެއް،" މި ޖުމްލައަކީ ޓިކްޓޮކްގައި ކޯޓެއް ހިންގާ ގްރޫޕަކުން ވާހަކަ ދައްކާ ބަހުރުވަ އެވެ.
އެ ޖުމްލައަށް ބަލާއިރު ވިދާޅުވުމާއި ދެންނެވުމާއި ވަޑައިގަތުން ފަދަ ބަސްބަހަކީ ދިވެހި ބަހުން އެންމެ މާތް ބަހުރުވައިން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބައެއް ބަސްބަސް ކަމުން މިބައި މީހުން ވާހަކަ ދައްކަނީ ވާހަކަ ދެއްކުމުގެ މާތް ދަރަޖައިން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ހަމަ އެފަދައިން މި ބަސްބަސް މި ބޭނުން ކުރެވެނީ ރަނަގަޅަށްތޯ ނުވަތަ ނުބައިކޮށްތޯ މީހަކު ސުވާލު ކޮށްފިނަމަ އެކަމާ ބެހޭ ގޮތުން ޝައްކު އުފެދޭނެ ކިތަންމެ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަން އެނގެނީ ސަރުކާރުގެ އެންމެ ޝަރަފުވެރި އިދާރާ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް މިފަދަ އިބާރާތްތައް މިގޮތަށް ބޭނުން ކުރާތީ އެވެ. ވަޑައިގެންނެވުމާއި ދެންނެވުމާއި ބުނުއްވުން ފަދަ ބަސްބަސް ބޭނުންކުރަންވާ ގޮތް ރަނގަޅަށް ނޭނގި އެ ބަސްތައް ބޭނުންކޮށްގެން ވާހަކަދެއްކުމުގެ ސަބަބުން ބަހުގެ ގަވައިދާއި އަދަބުތަކާ ޚިލާފުވެ ދައްކާ ވާހަކަ މަސްހުނިގަނޑަކަށް ވާތަން ފެންނާތީ އެވެ.
ދިވެހި ބަހުން ވާހަކަ ދައްކާ ދަރަޖަތައް
ދިވެހި ބަހުގައި ވާހަކަދެއްކުމަށް ތަފާތު ދަރަޖަތަކެއް އޮވެ އެވެ. އެ ދަރަޖަތައް އާންމު ގޮތެއްގައި ތިން ބަޔަކަށް ބަހާލެވެ އެވެ. އެއީ އާދެ ވަޑައިގެންނެވުމާއި ލައްބަ، ދުރުވުމާއި އާނހޫނ ކިޔައިގެން ވާހަކަ ދައްކާ ދަރަޖަތަކެވެ.
ދިވެހި ބަހުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް ބަހުރުވައަކީ ގަނޑުވަރުތެރެއަށް ޚާއްސަ ބަހުރުވައެކެވެ. ކުރީ ޒަމާނުގައި މި ދަރަޖައިން މުޚާތަބުކޮށް ވާހަކ ދައްކަވާނީ ކޮއިލުތެރޭގެ ޝާހީ ބޭފުޅުންނެވެ. އެ ބޭފުޅުންގެ އާއިލީ ބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. ޝާހީ އާއިލާތަކުގެ ބޭބޭފުޅުންނާ މުޚާތަބުކޮށް ވާހަކަ ދައްކަން ޖެހޭނީ އެންމެ މާތް ބަހުރުވައިންނެވެ. އެއީ އާދެ ވަޑައިގަތުމުގެ ދަރަޖަ އެވެ. ރަސް ދަރިކޮޅުގެ ބޭފުޅުން ފިޔަވައި ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެނޫން ވެސް ކަމުވޮށިވެގެންވާ މީސް މީހުންގެ ބަހުރުވަ ހުންނަނީ ލައްބަ ދުރުވުމުގެ ބަހުރުވައިންނެވެ. އެއީ ބަހުގެ ދެވަނަ ދަރަޖަ އެވެ. ކިތަންމެ ބޮޑު ދީނީ އިލްމުވެރިއެއް ކަމަށް ވިޔަސް ފަނޑިޔާރެއް ކަމަށް ވިޔަސް އެއީ ރަސްދަރިކޮޅުގެ ބޭފުޅެއް ނޫންނަމަ ކުރީ ޒަމާނުގައި ނިސްބަތް ކުރެވޭނީ ދެވަނަ ދަރަޖައިގެ ބަސްމަގުންނެވެ. ތިން ވަނަ ދަރަޖައަކީ އާންމުންގެ ބަހުރުވަ އެވެ. އެއީ އާނ ހޫނ ކިޔައިގެން ވާހަކަ ދެއްކުމެވެ.
މިއިން ކޮންމެ ދަރަޖައަކުން ވާހަކަ ދެއްކިކަމަށް ވިޔަސް އެ ދައްކާ ވާހަކައެއްގެ ބަސްމަގު އޮޅުވާނުލައި ރީތިކޮށް ވާހަކަ ދައްކަމުން އައި އައުމަށް މިހާރު ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
ބަސް މަސްހުނި ވީ ކީއްވެ؟
ރާއްޖޭގެ ރަސްކަން އުވުމާއެކު ރަސްކަމާއެކުވެފައި އޮތް ބޭފުޅުވަންތަކަން އައީ މަޑުމަޑުން ފަނޑުވަމުންނެވެ. ފަނޑުވަމުން ދިޔަ ބޭފުޅުވަންތަ ކަމާއެކު ބަދަލުވެގެން ދިޔަ އެންމެ މުހިންމު އެއްކަމަކީ ވަކި ދަރިކޮޅެއްގެ މީހަކަށް ވީތީ އެ މީހާ މުޖުތަމައުގެ ވަކި ގިންތިއަކަށް ފެތުމުގެ އުސޫލެވެ. މި ބަދަލާއެކު ވަކި ދަރިކޮޅަކަށް ނިސްބަތްވުމުން ވަކި ގޮތަކަށް ވާހަކަ ދެއްކުމުގެ އާދަ އުވިގެން ހިނގައްޖެ އެވެ. މިއަދުގެ މުޖުތަމައުގައި މީހުންގެ އިޖުތިމާއީ ހައިސިއްޔަތު ބިނާވެފައި އޮންނަނީ އެ މީހެއްގެ ތައުލީމީ ފެންވަރާއި އަދާކުރާ ވަޒީފާއާއި މުއްސަނދިކަން ފަދަ ކަންކަމުގެ މައްޗަށެވެ.
އެހެންކަމުން ޅަފުރާގައި އެންމެ އާދައިގެ ބަހުރުވައިން ވާހަކަދެއްކުމަށް ފަރިތަވެފައި ހުރި މީހަކަށް ވެސް އެމީހާގެ އިޖުތިމާއީ ހައިސިއްޔަތު ބަދަލުވުމުގެ ސަބަބުން އެންމެ މަތީ ދަރަޖައިގެ ބަހުރުވައިން ވާހަކަ ދައްކަން ޖެހުމުގެ ފުރުސަތު ވެސް މިހާރު އެބައޮތެވެ. މިފަދަ ހާލަތުގައި އަލަށް ވާހަކަ ދައްކަން ޖެހޭ ދަރަޖައާ ބީރައްޓެހިވުމުގެ ސަބަބުން ދައްކާ ވާހަކަ މައްސުނިވެ އޮޅުންބޮޅުން އަރާތަން ފެންނަމުންދެ އެވެ. ރާއްޖެއަށް ތައާރަފުވި ޑިމޮކްރަސީއާއެކު މިކަން އާންމުވެގެން އައި ކަމަށް ފެނެ އެވެ.
ހައްލަކީ ކޮބާ؟
ޑިމޮކްރެސީއާއެކު އިޖުތިމާއީ ދިރިއުޅުމަށް އައި ބަދަލުތަކާއެކު އަވަސް އަވަހަށް މީހުންގެ ހައިސިއްޔަތު ބަދަލުވެ ވާހަކަދައްކާ ގޮތް ބަދަލުވުން އާންމު ވެއްޖެ އެވެ. އިއްޔެ ފިހާރައިގެ ސޭޓަކަށް ހުރި މީހާ މާދަމާ ކައުންސިލަރަށް ވެދާނެ އެވެ. ޕިކަޕް ޑްރައިވަރު މަޖިލިސް މެންބަރަކަށް ވެދާނެ އެވެ. މިފަދަ ހާލަތްތަކުގައި އެމީހުން ކުރިން ވާހަކަ ދައްކައި އުޅުނު ގޮތް ބަދަލުކޮށް މާތް ބަހުރުވައިން ވާހަކަ ދައްކަން ޖެހުމުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ޖެހެ އެވެ. ސަބަބަކީ އެ މީސްމީހުން ވާހަކަ ދައްކާގޮތް ޓީވީއިންނާއި ރޭޑިއޯއިން އާންމުންނާއި ކުޑަކުދިންނަށް އަޑުއިވި އޭގެ ނުފޫޒު ނުރަނގަޅު ގޮތުގައި މުޖުތަމައަށް ފޯރުމެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީގުގެ މެމްބަރަކަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވަތަ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަންނަވާ ބޭބޭފުޅުން ވާހަކަދައްކަން ޖެހިވަޑައިގަންނަވާ ބަހުރުވައަށް އަހުލުވެރިވެވަޑައިގެންނެވުމަށް ކްލާހެއް ނަންގަވައިގެން ނަމަވެސް ރަނގަޅަށް ވާހަކަ ދައްކަވަން ދަސްކުރައްވަން ޖެހެ އެވެ. ސިޔާސީ އެކިއެކި މަގާމުތަކަށް އައްޔަންވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ފަދަ ބޭބޭފުޅުން ވަޒީފާއަށް އަހުލުވެރި ވެވަޑައިގެންނެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުން ބަހާ ބެހޭ ކުރު ތަމްރީނެއް ހެއްދެވުމަކީ މި މައްސަލަ ހައްލުވާން އެޅޭނެ މުހިންމު ފިވަޅެއް ކަމަށް ފެނެ އެވެ. އެ ބޭބޭފުޅުންގެ ބަސްމަގު ރަނގަޅު ވެއްޖެ ނަމަ އޭގެ އަސަރު މުޖުތަމައަށް ކުރާނެކަމީ ޔަގީން ކަމެކެވެ.
ހޯއް ދެއް ވީމާ ނުވަތަ ހޯ ދެއް ވީމަ ތިޔަކަން ހަމަޖެހޭނީ.