ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ސ. މަރަދޫ ފޭދޫގައި ޒުވާނަކު ރޭ މަރާލައިފި އެވެ.

މަރަދޫ ފޭދޫގައި ހިނގި މާރާމާރީގައި މަރުވެފައި ވަނީ 27 އަހަރުގެ ދިވެއްސެކެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ދެބެއިންގެ ދެމެދު އެވެ. އަދި ބޭބެ ގަޔަށް ކޮއްކޮ ވަޅި ހަރާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށްވެ އެވެ. ވަޅި ހެރިއިރު ކޮއްކޮ ހުރީ ވެސް މަސްތުގެ ހާލަތުގައި ކަމަށްވެ އެވެ.

ފުލުހުން ބުނީ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފައިވާކަމުގެ ރިޕޯޓް ރޭ 11:38 އެހާއިރު ލިބުނު ކަމަށެވެ. އަދި މި މާރާމާރީގައި ޒަޚަމްވި ޒުވާނާ މަރުވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ބުނެ އެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ސ. ފޭދޫގައި މިދިޔަ އަހަރުގެ ޖޫން މަހު ވެސް ތޫނު އެއްޗެހިން ހަމަލާދީ 21 އަހަރުގެ ޒުވާނަކު މަރާލާފައިވެ އެވެ. އެއީ ގްރޫޕަކުން ރާވައިގެން ދިން ހަމަލާ އެކެވެ. އެ މައްސަލައިގައި ކުޑަކުދިން ވެސް ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފަ އެވެ.