ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން އާބަންކޯ ބާތިލުކޮށް އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން (ޖުމްލަ ދެލައްކަ ރުފިޔާ) ޖޫރިމަނާކޮށް އެތަން ކުރިން ހުރި ގޮތަށް ހެދުމަށް އަންގާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.

އެގޮތަށް އަމަލުނުކުރުމުން އާބަންކޯއިން ވަނީ އެޕާޓްމަންޓްތަކާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް މިހާތަނަށް ނުދައްކާ ހުރި ކުލި 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށް އެ ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފަ އެވެ.

އާބަންކޯއިން އެގޮތަށް ނިންމުމުން އެ ދެ އެޕާޓްމަންޓްގެ ވެރިފާރތުން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެމައްސަލާގައި އެދިފައިވަނީ އެޕާޓްމެންޓްތައް އަތުލަން އާބަންކޯއިން ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް ހުށަހަޅަން ގަސްދު ކުރާތީ އެ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ނިންމި ނިންމުމުގައި ވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރުނަސް, އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ނިންމުމުގައިވަނީ އެ އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމާއި އެއްމެދު އިމާރާތުގެ ގާނޫނާ އެނގިހުރެ ހިލާފަށް ކަންކަން ކުރުމަށްފަހު ކަމަށްވާތީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށެވެ.

އެކަންކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައިވަނީ އާބަންކޯގެ އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.