ރޭ މާލޭގައި ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައި މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ރޭ 11:25 އެހާއިރު މަޖީދީ މަގުގައި ހުންނަ ޑައިނަމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު މީހަކު ހުއްޓުވައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މާރާމާރީ ހިންގަން އުޅުނު އިތުރު މީހުން ފިލާފައިވާ ކަަމަށް ވެސް އެ ފުލުހުން ބުންޏެވެ.

މާރާމާރީ ހުއްޓުވުމުން ފިލަން ދުވި މީހުންގެ ތެރެއިން ދެ މީހަކު ފިލީ ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށާއި އެ ސައިކަލު ޓޯކޮށްފައިވައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މާރާމާރީ ހިންގަން އުޅުނު މީހުން ދެނެގަތުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގަން މަސައްކަތްކުރި މީހުން ގެންގުޅުނު ކަތިވަޅިފަދަ ތަކެތި ވެސް އެމީހުން ވަނީ މަގުމައްޗަށް ދޫކޮށްލައިފަ އެވެ.