މި ސަރުކާރުން އައްޑޫ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން ހަވާ އަރުވާ ގޮތަށް ނިންމައިފި އެވެ.

ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އައްޑުއަށް އަންނަ ތަރައްގީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން މިރޭ ހިތަދޫގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އަރުވަނީ އައްޑޫ ސީޓީ ކައުންސިލްގެ ފަރާތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ އައްޑޫ ސިޓީ ސްކުއާގަ އެވެ.

އައްޑޫ ސިޓީގައި މިރޭ ހަވާއަރުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އައްޑޫގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއު އިއްޔެ ފައްޓަވާދެއްވާފަ އެވެ. ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ ހަތަރު ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެ އެވެ. އަދި މިއަދު ހަވީރު ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ރައީސް ރައީސް ފައްޓަވައި ދެއްވާނެ އެވެ.

މި ވަގުތު އައްޑޫގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މަގުތައް ހެދުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.