ފުވައްމުލަކުގެ އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތަކަށް ޑައިވްކޮށް ފީނާ މީހުން އަތުން ކައުންސިލުން ފީއެއް ނަގަން ނިންމައި އެކަމަށް އުސޫލުތަކެއް އެކުލަވާލައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ގެޒެޓް ކޮށްފައިވާ "ފުވައްމުލަކު އިޙްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖްކުރުމާއިބެހޭ ގަވައިދު"ގައި ބުނެފައިވާ ގޮތުން ފުވައްމުލަކުގެ އިހުތިސާސް ހިމެނޭ އެއްވެސް ކަނޑުގެ ސަރަހައްދެއްގައި މަސްވެރިކަމަށް ނޫން ގޮތަށް ފީނޭނީ އެ ކައުންސިލުގެ ހުއްދައެއް ހޯދަން ޖެހެ އެވެ. އަދި އެކަމަށް ފީއެއް ދައްކަން ޖެހޭ ކަމަށް ވެސް އެގަވައިދުގައި ބުނެފައިވެ އެވެ. އެގޮތުން ފީތައް ނެގުމަށް ފަހު، ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ.
ފީތައް ކަނޑައަޅާފައިވަނީ މައިގަނޑު ބައިތަކަކީ:
- ބިދޭސީ އުޅަނދުތަކުން - ބިދޭސީން އަދި ދިވެހިންނަށް ވެސް ބޮލަކަށް 200 ޑޮލަރު
- ސަފާރީ އަދި ރަށުގައި ގާއިމްވެފައި ނެތް ޑައިވް ސްކޫލްތަކުގެ ފީ - ބިދޭސީންނަށް ބޮލަކަށް 55 ޑޮލަރު، ދިވެހިންނަށް 20 ޑޮލަރު
- ފުވައްމުލަކު ޑައިވް ސްކޫލްތަކުން - ބިދޭސީއަކަށް ބޮލަކަށް 40 ޑޮލަރު، ދިވެއްސަކަށް ބޮލަކަށް 20 ޑޮލަރު
ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް، ފީނާ މީހުން އަތުން ފީ ނަގަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމަށް ކައުންސިލުން ބުނެ އެވެ.
ފުވައްމުލަކުގެ މަޝްހޫރު ފީނާ ސަރަހައްދު "ޓައިގާ ޝާކް ޕޮއިންޓް" އަށް ފީނުމުގެ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު އެ ސަރަހައްދަށް ފީނާއިރު މިޔަރުގައި އަތްލުމާއި ކާންދިނުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން އެ ސަރަހައްދަށް އެއް ވަގުތެއްގައި އެންމެ ގިނައިން ފޭބޭނީ 35 މީހުންނަށް ކަމަށް ވެސް ވަނީ ގަވާއިދުގައި ކަނޑައަޅައިފަ އެވެ. އަދި ސަފާރީ ނުވަތަ އެހެން ފަރާތްތަކުން އެ ސަރަހައްދުގައި ޑައިވް ކުރެވޭނީ ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ޑައިވް ސްކޫލެއް މެދުވެރިކޮށް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ ސަރަހައްދުގައި ވިޔަފަރި އުސޫލުން ފޮޓޯ ނެގުމަކީ ވެސް މަނާ ކަމެކެވެ.