ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުން އެއްކޮށްލި ދެ އެޕާޓްމެންޓް ކުރިން ހުރި ގޮތަށް ހެދުމަށް އިތުރު ހަތް ދުވަސް އާބަންކޯއިން ދީފި އެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން (ޖުމްލަ ދެލައްކަ ރުފިޔާ) ޖޫރިމަނާކޮށް އެތަން ކުރިން ހުރި ގޮތަށް ހެދުމަށް އަންގާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.

މިއާއެކު އެ ދެ ފްލެޓްގެ ވެރިން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި މިކަން އިސްލާހުކޮށް، ފުލެޓު ހަވާލުކުރެވުނު އިރު ހުރިގޮތަށް އިޔާދަ ކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އާބަންކޯއިން ވަނީ އަންގާފަ އެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ އާއި އެތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތުގައި އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ. އެހެންވެ އާބަންކޯއިން ވަނީ އެއްބަސްވުން ބާތިލްކޮށް އެ ދެ ފްލެޓް ހުސްކުރުމަށް އަންގައިފަ އެވެ.

ދެފްލެޓް ހުސްކުރުމަށް އެންގުމާއި ގުޅިގެން އެފަރާތުން މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ބުނެފައިވަނީ ދެ ތަނުގެ އެއްބަސްވުން އާބަންކޯ ބާތިލުކޮށް އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެން ނެތް ކަމަށެވެ.

އަރބަންކޯއިން މިއަދު ބުނީ ހިޔާގެ ދެ ފުލެޓު އެއްކޮށްލިއިރު ހުރި ގޮތަށް ހެދުމަށް އެންގުމުންވެސް އެކަން އަދިވެސް އެގޮތަށް ކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް، މިކަން ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން ހުށަހަޅާފައިވާ ކަމަށް އަރބަންކޯއިން ބުނެފައި ވެއެވެ. އެހެންގެ މި ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު 7 ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް މިހާރު ދެވިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.