އީރާނުން ރަޝިޔާގައި ޑްރޯން ފެކްޓްރީއެއް ހެދުމަށް އެހީތެރިވަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ޑްރޯން ހެދުމަށް ބޭނުންވާ ސާމާނާއި ފަންނީ އެހީ ވެސް އީރާނުން ދޭ މި ފެކްޓްރީގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ކުރީކޮޅު ފެކްޓްރީ ހިނގައިގަންނާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
އެމެރިކާގެ ނެޝަނަލް ސިކިއުރިޓީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވަނީ ފެކްޓްރީގެ މަސައްކަތް ހިނގާ ސަރަހައްދު ކަމަށް ބުނެ މޮސްކޯގެ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ވަކި ހިސާބެއް ފާހަގަކޮށްފައިވާ ސެޓެލައިޓް ފޮޓޯއެއް އާންމުކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ވަނީ އީރާނާއެކު ދިފާއީ ގުޅުން ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން އީރާނުން އުފައްދާ އެއްކޮޅަށް ދަތުރުކުރާ ޑްރޯންގެ އެތައް ސަތޭކަ ޑްރޯނެއް ރަޝިޔާއަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާ އިން އަންނަނީ ޔުކްރޭނަށް ހަމަލާ ދެމުންނެވެ.
އެމެރިކާ އިން ބުނިގޮތުގައި އީރާނުން މީހަކާ ނުލައި އުދުހޭ އުޅަނދުތަކުގެ ޝިޕްމެންޓްތައް ކަނޑުމަގުން ރަޝިޔާއަށް ގެންދާކަމުގެ ލިޔެކިޔުން ވަނީ ލިބިފަ އެވެ. އަދި ބަދަލުގައި ރަޝިޔާ އިން ހަތިޔާރު އުފެއްދުމާ ބެހޭ ނާޒުކު މައުލޫމާތާއި ފައިސާގެ އެހީ ވެސް ދޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރި އެވެ.
އިނގިރޭސި ދާޚިލީ ވަޒީރު ޖޭމްސް ކްލެވަލީ ވަނީ އެމެރިކާގެ އެ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ވިދާޅުވެ ރަޝިޔާގެ އެހީގައި އީރާނުން ތަރައްގީކުރާ ހަތިޔާރުގެ ސަބަބުން މެދު އިރުމަތީގައިވާ އިނގިރޭސިންގެ ބައިވެރިންނަށް ނުރައްކާވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އެ ކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާއަށް ޑްރޯން ދިން ކަމަށް އީރާނުން އެއްބަސްވެ އެވެ. އެކަމަކު އީރާނުން ބުނާގޮތުގައި ޑްރޯންތައް ރަޝިޔާއިން ހޯދާފައި ވަނީ ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިންނެވެ. އަދި ހަމަ އެއާއެކު ޑްރޯން ބޭނުންކޮށްގެން ހަމަލަ ދިނުމުގައި އީރާނުގެ އެއްވެސް މީހެއްގެ ބައިވެރިވުން ނޯންނާނެ ކަމަށް ވެސް ބުނެ އެވެ.