ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން މިއަދު އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނު ކޯލަކާއެކު މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.

މިއަދު ހެނދުނު މަޖިލިހުގެ ޖަލްސާ ފެށުމާއެކު ނިޒާމް ގެއްލި ސިޔާސީ ޕާތީތަކުގެ މަޝްވަރާއަށް މަޖިލިސްވަނީ މެދު ކަނޑާލާފަ އެވެ. އެއަށްފަހު އަނެއްކާވެސް ޖަލްސާ ފެށުމުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ވަނީ ރިޔާސަތު ކުރިމައްޗަށް އެއްވެ "ޗޯރު އިބޫ" އަށް ގޮވަން ފަށާފަ އެވެ.

މެމްބަރުން އަޑުގަދަ ކުރައްވަމުން ދަނިކޮށް ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނުނެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.

ފޯނު ނެގި ގޮތަށް ފުރަތަމަ ވެސް އަފީފް ވިދާޅުވީ "އާދެ މި ނިންމާލަނީ" ކަމަށެވެ.

އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފަ އެވެ. ދެން މަޖިލިސްގެ ޖަލްސާއެއް އޮންނާނީ އަނެއްކާވެސް އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.