މާލޭ ގެއެއްގެ ތެރޭ ރަހީނުކޮށްފައި ތިން މީހުން ބޭތިއްބި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނު ކޮށްފައި ބޭތިއްބި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އޭގެތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެން ހައްޔަރުކުރި ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ތެރެއިން 3 ދިވެހިން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެމީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެމީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.