ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އުމަރަށް ޖަލަށް ލުމަށް ކުރި ހުކުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

ނާޒިމް އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން ދައުވާ ކުރެވޭނެ ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ، އެކަމާ ގުޅިގެން ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކުރި ކުރުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގަ އެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، ގާނޫނާ ހިލާފް އިޖުރާއަތެއްގެ މައްޗަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ސަބަބުން ނާޒިމުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލިފައިވާތީ، ބަދަލެއްގެ ގޮތުން އޭނާއަށް ގެއްލިފައިވާ މަޖިލިސް މެންބަރުގެ ގޮނޑި ގެއްލިފައިވާ ދާއިރާގެ މުސާރަ އާއި އިނާޔަތްތަކާއި އަދި އެހެނިހެން ގެއްލުމުގެ ބަދަލު ލިބެންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ އެކޯޓުގެ ރަޖިސްޓްރާ މައްސަލަ ބޭރު ކޮށްލި އެވެ.

އެކަމާ ގުޅިގެން ރަޖިސްޓްރާގެ އެނިންމުން އަލުން ބަލައިދިނުމަށް އެދި ނާޒިމްގެ ފަރާތުން އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހެޅުއްވި އެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެއްލެވި އޭރު އެކޯޓުގެ އިސް ގާޒީ ނިންމެވީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ދެން ނާޒިމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅުއްވިއެވެ. ހައިކޯޓުންވެސް ނިންމީ އެ މައްސަލައިގައި ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން ސިވިލްކޯޓުގެ ނިންމުމަށް ތާއީދުކޮށް ސިވިލްކޯޓުގެ އިސްގާޒީ ނިންމެވި ނިންމު ސައްހަ ކަމަށްވެސް ކަނޑައެޅުއްވި އެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ނާޒިމް މައްސަލަ ހުށަހެޅުމުން މިއަދު ސުޕްރިމް ކޯޓުންކުރި ހުކުމުގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް ބާތިލްކޮށް، މިއަދުން ފެށިގެން ސާދަ ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިއީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށް ވެފައި، ސުޕްރީމް ކޯޓުގެ ނިންމުމަކަށް ވާތީ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމަކީ ދައުވާގެ މައުލޫގެ ބަޔަކަށް ރަޖިސްޓްރާ ގޮތް ނިންމުން ކަމަށެވެ.