ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރުއައި) އިން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން" ނަމުގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރު "ބްރޭކް ތްރޫ އެކްސެލެންސް: އެޗީވިން އަ ނެޓްވޯކް ކޮމިއުނިޓީ" އަކީ މިވަގުތަށް ވަރަށް އެކަށޭނަ މުހިއްމު ޝިއާރެއް ކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތައްކަމުގައިވާ، ފަގީރުކަން ނައްތާލުމާއި، ހަމަހަމަކަން ގާއިމްކުރުމާއި މޫސުމީ ބަދަލުތައް ފަދަ އެތައް ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި އިލްމާއި ފަންނުވެރިކަން ހިއްސާކުރުމުގެ ސަގާފަތުގެ މައްޗަށް ބިނާކޮށް، އެ މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ފައިސަލުގެ ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން، ކުރިމަތިވާ މޫސުމީ ކާރިސާތަކާއި، މުރަކަ ހުދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޮތް ނުރައްކާތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިއާއެކު، ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިންގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތެޔޮ އިމްޕޯޓްކޮށްގެން ހަކަތައުފެއްދުމަށް ބަރޯސާވުން ކުޑަކުރުމަށް، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ، ގްރޭޓާ މާލެ ވޭސްޓް އެނާޖީ ޕްރޮޖެކްޓާއި، ތައުލީމު ކުރިއަރުވައި އިންސާނީ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޖޫނިއަރ ކޮލެޖްތައް ބިނާކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިނގަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި މިމަސައްކަތްތަކުން ހާސިލްކުރަން ބޭނުންވާ އަމާޒަކީ، މިއަދުގެ ޒުވާނުންނަކީ މުސްތަޤުބަލްގެ ލީޑަރުންކަމުގައި ހެދުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ތައުލީމާއި ވަޒީފާ އާއި ސިއްހީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގައި ވެސް ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ އެކްޝަން ޕްލޭން ފަރުމާކުރެވިފައި ވަނީ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަގުބަލަކަށްޓަކައި، ދެމެހެއްޓެނިވި ތަރައްގީގެ ދަނޑުދަނޑިތަކާއި އެއްގޮތްވާނޭގޮތަށް ސައިންޓިފިކް ދިރާސާތައްކޮށް، ސިޔާސަތުތައް އެކަށައަޅައިގެން ކުރިޔަށް ދިޔުމަށްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔެ އާއި ދުނިޔޭގެ މުސްތަގުބަލް ރައްކާތެރިކުރުމަށްޓަކައި ޒުވާނުން މިހާރުން މިހާރަށް މަސައްކަތްތައް ކުރުމަށް ގޮވާލައްވަމުންނެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި) އަކީ، އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނާއި، އިލްމުވެރިންނާއި ދަރިވަރުންނާއި ސިނާއަތްތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާތަކުގެ ހޯދުންތައް ހުށައަޅައި، ގުޅުންތައް ބަދަހިކޮށް، އާ ޚިޔާލާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.