ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ މިއަދު ބޭއްވުމަށް ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދު ޝަރީއަތް ކެންސަލް ކޮށްފައިވަނީ މި މައްސަލައިގައި ދައުވާ ލިބޭ ކްރިކް ބަލިވެ އުޅޭކަމަށް ކޯޓަށް ސިޓީއެއް ފޮނުވާފައި ވާތީ ކަމަށެވެ.

މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައި އޮތީ ހަތަރު ހެކިންގެ ހެކިބަސް ނެގުމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވެސް ތާވަލުކޮށްފައިވެ އެވެ. މާދަމާގެ އަޑުއެހުމުގައި ވެސް ކުރިއަށް ދާނީ ހެކިބަސް ނެގުމަށެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.