ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ވަކިކުރުމަށް 54 މެމްބަރަކު ސޮއިކުރައްވައި، ހުށަހަޅާފައި ވިޔަސް އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ރާއްޖެ އަށާއި ސިޔާސީ ޕާޓީތަކަށް އަދި ރައްޔިތުންގެ މަޖިލިހަށް ވެސް މި ވަގުތު ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި މީޑިއާ ބްރީފިންގަ އެވެ.

މިއަދު މެންދުރުފަހު ރައްޔިތުން މަޖިލީހުގެ އިދާރާގައި ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން އެމަނިކުފާނަށް ގުޅުއްވައި އެކަން ކުރެއްވީ ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެހެން އޮތް ކަމެއްގައި ވޯޓަށް ނާހައި އެމަނިކުފާނުގެ އިތުބާރު ނެތްތޯ ނުވަތަ އޮތްތޯ ނޭނގޭނޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން އެމަނިކުފާނު ވިދާޅުވީ މިވަގުތު މަޖިލީހުގެ ރައީސްކަމުން ދުރަށް ދިޔުމަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ފައިދާކުރި ގޮތެއް ނޫން ކަމަށެވެ. އަދި ގައުމަށް ވެސް އެކަމުން ފައިދާއެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

https://www.youtube.com/watch?v=Sp-468ZfeIE

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މިވަގުތު އިސްތިއުފާ ދިނުމަކީ ދިވެހިރާއްޖެއަށް ވެސް ރަނގަޅު ކަމެއް ނޫން، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ވެސް ރަނގަޅު ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުން މަޖިލީހަށް ވެސް ރަނގަޅު ކަމެއް ނޫން،" 54 މެންބަރުން ސޮއިކުރައްވައި އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އިސްތިއުފާ ނުދެއްވާނޭކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ބައެއް މެމްބަރުންގެ މެސެޖުތައް ފޯނުގައި އެބަހުރި ކަމަށެވެ. އެ މެސެޖުތަކުގައި މައިގަނޑު ގޮތެއްގައި އެ ލިޔުމުގައި ސޮއިކުރެއްވީ ޕްރެޝަރުތަކާއި އެހެން ސަބަބުތައް ކަމަށް އެ މެމްބަރުންނާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވި އެވެ.

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: މަޖްލިސް

"ވޯޓާ ހަމައަށް ދިޔައީމާ ނޫންތޯ އޭ އަޅުގަނޑަށް އެނގޭނީ އެ ބޭފުޅުން އަމަލު ކުރާނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު އޮތް މައްސަލަ ހައްލު ވާނީ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމު ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދިއުމެވެ.

"އެ ގޮތަށް އަޅުގަނޑު މި ހުރީ މިކަން ކުރަން ވަރަށް ބޮޑަށް ތައްޔާރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަދިވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އޭގެ ބޭނުމަކީ "ޑިމޮކްރެޓްސްގެ ތެރެއަށް މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި" ކަމަށެވެ. އަދި އެ ކަން މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ކަމަށްވާ ސެޕްޓެމްބަރު 9 ގެ ފަހުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.