މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށް ފެންނަ ގޮތަށް ކުރެވޭ މަސައްކަތްތަކަށް ހެދުމަށާއި، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކައުންސިލް ލެވެލްގައި މުހިންމު ނިންމުތައް ނިންމާގޮތަށް އިދާރީ ހިންގުމަށް މުހިންމު ބަދަލެއް ގެނައުމަށް ފާސްކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި މި ބަދަލު ގެނައުމަށް ފާސްކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 107 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.

މިއަދުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަން ޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަން ބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކާ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށެވެ.

"މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަން ޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަން ބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކާ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރަންވާނެ ކަމަށް ގަބޫލުކުރަން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިހާރު ވެސް މާލެ ސިޓީ ކައުންސިލުން އަމަލުކުރަމުން އަންނަނީ މި އުސޫލުން ކަމަށެވެ. އެގޮތުން ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމުގައި ވެސް އެފަދައިން އަމަލު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

މުވައްޒަފުން ނެގުމާއި، މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިތުރުން ސުޕަވައިޒަރުން އިތުރު ކޮށްފައިވަނީ ވެސް ކައުންސިލްގެ ރަސްމީ ޖަލްސާއިން ފާސްކޮށްގެން ކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މިއީ މިހާރު ވެސް އަމަލުކުރަމުންދާ ގޮތް. މީގެ ކުރިން ވޭސްޓް މެނޭޖްމެންޓް ސެކްޝަނަށް މުވައްޒަފުން ނެގީ ވެސް ކައުންސިލް ޖަލްސާއަށް ހުށަހެޅި ފާސްވެގެން އަދި ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމުގައި ވެސް އެފަދައިން އަމަލުކުރެވިފައިވޭ،" މުއިއްޒު ވިދާޅުވި އެވެ.

މި އުސޫލުން މުވައްޒަފުން ނެގުން ކަމާއި ބެހޭ އިދާރާތަކުން ވަނީ ކައުންސިލްތަކަށް ދޫކޮށްލާފައި ކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ( އެލްޖީއޭ) އިންވެސް މިގޮތަށް މމި ފުރުސަތު ކައުންސިލްތަކަށް ދީފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މިއީ އަބަދުވެސް އަމަލުކުރަމުންދާ އުސޫލު ކަމަށްވީ ނަމަވެސް ކައުންސިލްގެ ރަސްމީ ނިންމުމެއް މިކަމުގައި ނެތުމުގެ ސަބަބުން ޕޮލިސީއެއް ނެތުމާއިއެކު އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މިގޮތަށް އަމަލުކުރަމުންދާ އަމަލުކުރުން ރަސްމީ ކުރުމަށްޓަކާ ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް އެއީ ކައުންސިލްގެ ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔަ އެވެ.

މި އުސޫލު މި އޮތްގޮތަށް ފާސްވެގެން ކައުންސިލްގެ އެއްވެސް ކޮންޓްރެކްޓް ނުވަތަ ކޮންސަލްޓެންޓެއްގެ ވަޒީފާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި މިއީ މިހާރުވެސް ޢަމަލު ކުރަމުންދާ އުސޫލު ނަމަވެސް މި އުސޫލް ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔުމަކީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމުގައި ވެގެންދާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މި މައުޟޫއުއަށް ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ފާހަގަ ކުރެއްވީ ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން ނުވަތަ ކޮންސަލްޓަންޓުން ނަގަން ޖެހެނީ ކައުންސިލްގެ މަސައްކަތްތައް އަވަސްކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކައުންސިލުން މިކަން ކުރަން ޖެހުނީ ސިވިލް މުވައްޒަފުން ނެގުމުގައި ސަރުކާރުން ނުވަތަ ސިވިލް ސާވިސް ކޮމިޝަނުން މާލެ ސިޓީ ކައުންސިލަށް ދަތިކޮށް އެ ފުރުސަތު ނުދިނުމުގެ ސަބަބުން ކަމަށެވެ.

މޭޔަރު މުއިއްޒު

މިއަދުގެ ޖަލްސާގައި މޭޔަރު ވަނީ މާލެ ސިޓީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާތައް ދާއިމީކުރުމުގެ އިދާރީ މަސައްކަތްތައް ހިނގަމުންދާކަން ވެސް ހާމަ ކޮށްދެއްވާފަ އެވެ.

މާލެސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަންޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެ ފަދަ މުވައްޒަފުން ނަގަން ބޭނުންވާ ސަބަބާއި، އަދަދު އަދި ނެގޭ ސެކްޝަން ކަނޑަ އެޅުމަށްޓަކާ ކައުންސިލްގެ ރަސްމީ ޖަލްސާ އަކަށް ހުށަހަޅާ ފާސްކުރުމަށް މިއަދުގެ ޖަލްސާގައި މޭޔަރު ހުށަހެޅުއްވި ހުށަހެޅުއްވުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.