ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާ ނިމެންދެން، މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން އެދިފައިވަނިކޮށް ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އޮތުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ނަމަވެސް ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރައްވާނެ ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް މަޖިލީހުގެ އެޖެންޑާގައި އޮތީ ކަނޑައަޅަފަ އެވެ.

މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާކަން ރިޔާސަތުގައި އިންނަވައި ޖަލްސާ ފަށަމުން މިއަދު ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެންވެ، ދާއިމީ ކޮމިޓީތަކުގެ މަސައްކަތް މިއަދަށް އެޖެންޑާކޮށްފައި އޮތް ނަމަވެސް އިތުރު ޖަލްސާއެއް ނުބާއްވައި، މި ދައުރުގައި ކޮމިޓީތަކުގެ މަސައްކަތް ނުނިންމޭނެ އެވެ.

ކޮމިޓީތަކުގެ މައްސަލަ ކުރިއަށް ދަނިކޮށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ދާއިމީ ކޮމިޓީތަކުގެ މައްސަލައާއި އިތުރު ހަތަރު މައްސަލައެއް ވެސް ނިމެންދެން ދައުރު ދަންމާލަދިނުމަށް އެދިފަ އެވެ.

އެކަމަކު އެކަމަށް އިޖާބު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ބަހުސަށް ކަނޑައަޅާފައިވާ ޖުމްލަ ދެ ގަޑިއިރުގެ ވަގުތު ހަމަވުމާއެކު މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާނުކުރައްވައި ޖަލްސާ ނިންމަވާލައްވައިފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ: މަޖްލިސް

މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައި މިވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން އެ ކަންކަމުގައި ގޮތެއް ނިމެންދެން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީން އެދިފައިވަނި ކޮށެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މޭ 18 ވަނަ ދުވަހު އެވެ. ދެވަނަ ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނެފައިވާގޮތުން މަޖިލީހުގެ ޖަލްސާތައް، އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.