ކުރިއަށް މިއޮތް އީދު ބަންދަށްފަހު ރައީސް ޔާމީންގެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ކެމްޕެއިން ހަރަކާތްތައް މުޅި ރާއްޖޭގައި ކުރެވިގެންދާނެކަމަށެވެ. މިހާރު ނިންމާފައިވަނީ ދަތުރުތައް އީދު ބަންދަށްފަހު ފެށުމަށް ކަމަށެވެ. މިހާރު ވަނީ ދާއިރާތަކުގެ ހިންގާ ކޮމެޓީތައް އެކުލަވާލާ ޕާޓީގެ ސަފުތައް ރުކުރުވާލާފައި ކަމަށެވެ.

"އީދު ބަންދަށްފަހު އިންތިހާބުގެ ހަރަކާތްތައް ކިކްއޮފްކޮށް، ޕާޓީގެ ސިޔާސަތުތައް ނެރެ، މެނިފެސްޓޯ އިއުލާނުކުރާނެ ވާހަކަ ދަންނަވަން،" އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ކުރިމަތި ލައްވަނީ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ގެއްލިފައިވާ ކަނޑުގެ ސަރަހައްދާއި، މިނިވަންކަމަށް ބުރޫއަރާފައިވާ އެތައްކަމެއް އަދި ރައްޔިތުންގެ އާންމު ދިރިއުޅުމު ހާލަތަށްވެސް ދިމާވެފައިވާ އެންމެހާ ކަންތައްތަކުން ހައްލު ހޯއްދެވުމަށްކަމަށެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ފެށުން ލަސް ނޫން ކަމަށާއި ވަރުގަދަ ސްކޭލެއްގައި ކެމްޕޭން ކުރަން ދެ މަސް ދުވަސް މަދު ނޫން ކަމަށްވެސް އަމީން ވިދާޅުވި އެވެ.