އެމްޑީޕީއާއި އެމްޑީޕީގެ މެމްބަރުން އަބަދުވެސް ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ. "އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން. މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު އެޕާޓީގެ ރައީސް އަދި ޕާޓީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ ގިނަ ހިދުމަތްތަތަކެއް ކުރެއްވި ރައީސް މުހައްމަދު ނަޝީދުވަނީ އެޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެމްޑީޕީން އިސްތިއުފާ ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން." އެޕާޓީން އިސްތިއުފާ ދެއްވީ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ސަޕޯޓް ކުރައްވާ ގިނަ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންވެސް ވަނީ ވަކިވެފަ އެވެ. ރައީސް ނަޝީދު ފަހަތްޕުޅުގައި ހުންނަވައިގެން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުންނެވެ.