އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެމްބަރުންނަށް މާ ބޮޑުކަމަށާއި އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހު އެޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒު ދެއްވި ޚިތާބުގައި ނަޝީދުގެ ނަން ވަކިން ފާހަގަ ނުކުރައްވާ ކަމަށް އެކަމަށް އިޝާރާތްކޮށް ވިދާޅުވީ އެއީ ވެސް ލިބުނު ތަޖުރިބާއެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެއީ ވެސް ލިބުނު ފުން ތަޖުރިބާއެއް ކަމަށާއި އެ ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީން ބަޔަކު ވަކިވެގެން ދިއުމުން އެހިތާމަ ހިތުގެ އެއް ފަޅީގައި ބަނދެގެން އެމްޑީޕީން ހިތާމަ ބަރުދާސްތު ކުރަމުންދާ ކަމަށެވެ.

"އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާ. ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެ، ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކުރުން،" ފައްޔާޒް ވިދާޅުވި އެވެ.

ސިޔާސީ ހަލަބޮލިކަމުން މި ރިޔާސީ ދައުރުގައި ރައްޔިތުން ދުރުވެ، އަމިއްލަ ދިރިއުޅުމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެހެންކަމުން އެމްޑީޕީގެ މެމްބަރުން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ޕާޓީގެ ކެންޑިޑޭޓަށް ދެ ވަނަ ދައުރެއް ޔަގީންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.