ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއް ނޫން ކަމަށާއި އެ ލިސްޓް ގަޑުބަޑު ކުރުމުގެ ފުރުސަތު ނޯނާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ވޯޓާސް ލިސްޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއް ނޫން ކަމަށެވެ. އިންތިހާބާ ބެހޭ އާންމު ގާނޫނާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގައި ވަރަށް ސާފުކޮށް ލިސްޓް ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓް ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާއާ ގުޅިގެން އަންނަ ބަދަލު ވެސް އިލެކްޝަންސް ކޮމިޝަނުން ގެޒެޓް ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި އެކޮމިޝަންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިވެފައި ވާކަމަށް ހަބީބު ފާހަގަކުރެއްވި އެވެ.

ހަބީބު އިތުރަށް ވިދާޅުވީ އިންތިހާބުގައި ވޯޓުލާ ދުވަހު ބޭނުންކުރާނީ ގެޒެޓުކޮށް އަދި ކެންޑިޑޭޓުން ސޮއިކޮށް ފައިނަލް ކޮށްފައިވާ ލިސްޓު ކަމަށާއި، އެނޫން ލިސްޓެއް ނޯންނާނެ ކަމަށެވެ.

".... އަދި ވޯޓުލާ ދުވަހު މިހާރު ގެޒެޓުކޮށް ޢާންމުކޮށް ކެންޑިޑޭޓުން ސޮއިކޮށް ފައިނަލަށް ކުރެވޭ ލިސްޓު ނޫން ލިސްޓެއް ނޯންނާނެ. ކެރިގެން ޔަޤީންކަމާއެކީގައި މިދަންނަވަނީ ތިޔަހީފުޅު ކުރައްވާ ޒާތުގެ ކަމެއް ހިނގާކަށް އެއްވެސް ފުރުސަތެއް ނެތް،" ހަބީބު ވިދާޅުވި އެވެ.

ނަމަވެސް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އާންމުކުރި ވޯޓާސް ލިސްޓްގައި ނަން ނެތް ނަމަވެސް 2023 ރިޔާސީ އިންތިހާބަށް އާންމުކުރި ވޯޓާސް ލިސްޓްގައި ނަން އޮތް 500 އެއްހާ މީހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އާންމުކުރި ވޯޓާސް ލިސްޓުގައި އެބައޮތް ކަމަށް ބުނެ އިދިކޮޅުން އަންނަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަ ކުރަމުންނެވެ. ލިސްޓަށް އިތުރުވީ މީހުންގެތެރޭ ގިނައީ މަރުވެފައިތިބި މީހުންކަން ފާހަގަކޮށް ވޯޓާސް ލިސްޓް ގަޑުބަޑު ކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިކަމާމެދުގައި ދަނީ ސުވާލު އުފައްދަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓާސް ލިސްޓަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް ޖަވާބުދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ. ޝަކުވާގެ މުއްދަތުގައި ވޯޓަސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ. ކޮމިޝަނުން އާންމުކުރި ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާ ލިސްޓު މި ހަފްތާގައި އާންމު ކުރައްވާނެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފަ އެވެ.