ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލަވާލުމަށް ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މިއަދަށް ތާވަލުކުރީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެދިގެންނެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލިހުގެ ދާއިމީކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތަކެވެ.

ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އަދި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަމުގަ އެވެ.

ތިން މިނިޓެއްހާއިރަށް ކުރިއަށް ދިޔަ މިއަދުގެ ޖަލްސާގައި އަފީފު ވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ އަދަދު މިހާރު ކުރިއަށް ވުރެ އިތުރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ޕާޓީތަށް މިހާރު ނިސްބަތްވާ މެމްބަރުންގެ އަދަދުވެސް މިއަދުގެ ޖަލްސާގައި ވަނީ އިއުލާން ކުރައްވާފަ އެވެ. އެއަށްފަހު ހަސަން އަފީފު ވިދާޅުވީ ދެން ޖަލްސާ ކުރިޔަށް ގެންދަވާނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެމްބަރުންނަށް ފޮނުއްވުމަށްފަހު ކަމަށެވެ.

"އެހެންވީމާ މިހާރު އައިސްފައިވާ މި ބަދަލާއެކު ރިޕޯޓު އަލުން މެމްބަރުންނާ ސާކިއުލޭޓު ކުރުމަށްފަހު، މި ޖަލްސާ އަނެއްކާ ކުރިއަށް ގެންދެވޭނެ،" އަފީފު ވިދާޅުވި އެވެ.

އަފީފު އެޖެންޑާގައި ހިމެނޭ އެހެންކަމަށް ފުރުސަތު ނުދެއްވާ ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރައްމުން ގެންދެވިއިރު އެމްޑިޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނެގުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަފީފު ޖަލްސާ ނިންމަވާލައްވާފައިވަނީ އެއްވެސް ނިޒާމީ ނުކުތާއަކަށް ފުރުސަތު ނުދެއްވަ އެވެ.

އަދި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއްވެސް އަފީފު އިއުލާން ކުރައްވާފައެއް ނުވެ އެވެ.