ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މިމައްސަލާގައި ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު ޝަރީއަތް އަވަހަށް ނިންމައިދިނުމަށް ރައީސް ޔާމީން ވަނީ ހައިކޯޓުގައި އެދިފަ އެވެ. މިމައްސަލަ ލަސްވާތީ އިދިކޮޅު ޕީޕީއެން/ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވ. އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި މި މަހުގެ 6، 9، 11 އަދި 13 ވަނަ ދުވަހަށް ވެސް ވަނީ މި މައްސަލަ ތާވަލްކޮށްފަ އެވެ.

ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. މި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ވަނީ ހަނިވެފަ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ފަރާތްތަކުން ކުރިމަތިލުމަށް މިމަހު 23 ވަނަ ދުވަހު ހުޅުވާލާނެ އެވެ.