ބޮލީވުޑްގެ މަޝްހޫރު ފިލްމް ފްރެންޗައިޒްއެއް ކަމަށްވާ "ޑޮން"ގެ ތިންވަނަ ބައިން ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު ފެނިގެން ހިނގައިދާނެ ކަމަށް އަޑުތައް އަރައިފި އެވެ.

ޑޮން ފްރެންޗައިޒްގެ ދެ ފިލްމެއް މިހާތަނަށް ނެރެފައިވާއިރު އެ ދެ ފިލްމުން ވެސް ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާން އެވެ. އޭނާގެ އެ ފިލްމުގައި ކުޅެދިން ކެރެކްޓަރަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެވެ.

އެހެން ނަމަވެސް ފިލްމުގެ ތިންވަނަ ބައިގެ ލީޑު ރޯލަށް ރަންވީރު ހަމަޖެހިފައިވާ ކަމަށް އަޑުތައް އަރާފައިވާއިރު އެކަން ރަންވީރުގެ ކުރިއަށް އޮތް އުފަން ދުވަހު އިއުލާން ކުރުން ގާތް ކަމަށް ހަބަރުތައް ބުނެ އެވެ.

މިފަހަކަށް އައިސް ރަންވީރު ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ފުރުސަތު ހޯދަމުން އަންނައިރު އޭނާގެ ފިލްމުތައް ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބު ކަމަށް ބުނެވިދާނެ އެވެ.

ޑޮންގެ ގޮތުގައި ޝާހު މަޝްހޫރުވެފައިވާއިރު އޭނާގެ ބަދަލުގައި އެހެން ތަރިއެއް އެ ކެރެކްޓަރުގެ ގޮތުގައި ފެނުމަކީ ފިލްމުގެ ކާމިޔާބީއަށް އަސަރު ކުރާނެ ކަމެއްގެ ގޮތުގައި ބައެއް މީހުން އަންނަނީ ސިފަ ކުރަމުންނެވެ.

ޝާހްރުކް ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ޕްރިމިއާއަށް ތައްޔާރު ވަމުން އަންނައިރު ރަންވީރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މިހާރު ދަނީ ސިނަމާތަކުގައި ދައްކަމުންނެވެ.