ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ކުރިން ތާވަލް ކޮށްފައި އޮތްނަމަވެސް ތާވަލުން އެމައްސަލަ އުނިކޮށްފި އެވެ.

މިމައްސަލާގެ ޝަރީއަތްތައް އީދު ބަންދަށް ފަހު ފުލުފުލުގައި ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ތާވާލުކުރި ނަމަވެސް ޝަރީއަތް ފެށޭނެ ގޮތް ވަނީ ނުވެފަ އެވެ. ޝަރީއަތް ފެށޭ ގޮތް ނުވެފައިވަނީ މިމައްސަލާގައި ދައުވާ ކުރާ ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ.

މީގެ ކުރިން މާދަމާއަށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކުރިނަމަވެސް މިހާރު ވަނީ މާދަމާގެ އަޑު އެހުން ކެންސަލުކޮށްފަ އެވެ. އެހެން ނަމަވެސް މިމަހުގެ 09 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި އަދި 13 ވަނަ ދުވަހަށް ތާވަލް ކޮށްފައި އޮތް އެމައްސަލައިގެ އަޑުއެހުންތައް އަދި ކެންސަލް ކުރިކަމެއް ސާފެއް ނުވެ އެވެ.

ފުއްގިރި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ދައުލަތުން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަ ހެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންގީޒު ކުރައްވަމުންނެވެ