ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ވާދަ ކުރައްވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ރައީސް މުޙައްމަދު ނަޝީދު ވެސް ވާދަކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވެސް ކުރިމަތި ނުލައްވާ އަދި އެމަނިކުފާނު ވެސް ކުރިމަތި ނުލައްވައި، ދެބޭފުޅުން ވެސް އެކުގައި ރައްޔިތުން އެދޭ ގޮތް ހޯއްދަވައިދެއްވަން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ މިވަގުތު ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ސޯލިހު ބަލި ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ވެސް ވާދަކުރުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ރޭ ބާއްވާ ޖަލްސާގައި ނަޝީދު ވިދާޅުވީ މިސަރުކާރާ މެދު ރައްޔިތުން ހިއްހަމަ ނުޖެހޭ ކަމަށާ އެކަމަށް ހައްލެއް ހޯދައި ދިނުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނިކުންނަވާ ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރަންވީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ހިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ދައްކަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ މަޝްވަރަތައް ކުރަމުންނެވެ. އެއާއެކު ދެ ޕާޓީ އެއްވެ އެއް ކެންޑީޑޭޓެއް ނެރޭނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެހެންނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީން އަންނަނީ ތަކުރަރުކޮށް ބުނަމުންނެވެ.ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޑިމޮކްރެޓްސް އިން ވެސް ވަކިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް މީގެ ކުރީން ބުނެފައިވެ އެވެ.