އަދާލަތު ޕާޓީ އާއި އެމްޑީއޭ އަކީ ގައުމަށް ހެޔޮއެދޭ ދެ ޕާޓީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ނޫމަރާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ކޯލިޝަންގައި ރައްޔިތުންނަށް ހިދުމަތްކުރާ ހެޔޮ އެދޭ ދެ ޕާޓީއެއް އެބޮތްކަމަށެވެ. އެއީ އަދާލަތާއި އެމްޑީއޭކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެ ދެ ޕާޓީގެ ވިސްނުމަކީ ވެސް އެމްޑީޕީގެ ވިސްނުން ކަމަށާއި އެއީ ގައުމު ކުރިއެރުވުމާއި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި ވާ ވައުދުތައް އެ ދެ ޕާޓީއާއެކު ރައްޔިތުންނަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށެވެ.

އެމްޑީއޭއާއި އަދާލަތު ޕާޓީވަނީ ރައީސް ސޯލިހުގެ ދެވަނަ ދައުރަކަށް ތާއީދުކޮށް ކޯލިޝަން ހަދާފަ އެވެ. ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކޯލިޝަން ހެދި ޕާޓީ ތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފަ އެވެ. ނަމަވެސް އަދި ކޯލިޝަނުން ވަކިވެފައެއް ނުވެ އެވެ.