ފަސް އަހަރުގެ ރިޔާސީ ދައުރެއް އަމާންކަމާއެކު ނިންމާލެވުނީ ސަރުކާރު އެކުލަވައިލުމަށް ހެދި ކޯލިޝަން ނުރޫޅި އޮތުމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާޒީއަށް ބަލާއިރު، ވެރިކަމަށް އައުމަށް މީގެކުރިން ހެދި ކޯލިޝަންތައް ވަނީ ރޫޅިފައި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އޭރު ތިއްބެވި ރައީސުންނަށް ދެވަނަ ދައުރަކަށް އިންތިހާބު ކާމިޔާބު ނުކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވިދާޅުވީ އެ ވެރިކަމުގައި ގައުމުގައި ހަމަޖެހުން ގެއްލި ރައްޔިތުން އުޅެންޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"ދެން ރާއްޖެ ކުރިމަތިލާން ޖެހުނީ ކޮންކަހަލަ ބިރުވެރިކަމަކާތޯ. ސިޔާސީ ލީޑަރުންނަށް ތިއްބަވަން ޖެހުނީ އެ ދުވަހު ކޮންތާކުތޯ. ނޫސްވެރިން އުޅެންޖެހުނީ ކޮން ހާލެއްގައިތޯ. ފަނޑިޔާރު ގެ އޮތީ ކިހިނެއްތޯ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އުޅެންޖެހުނީ ކޮން ގޮތަކަށްތޯ،" ރައީސް ވިދާޅުވި އެވެ.

ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

މާޒީގައި ކޮންމެ ގޮތަކަށް ކަންކަން ވެފައި ވިޔަސް އެމަނިކުފާނުގެ ފަސް އަަހަރުގެ ދައުރު އަމާންކަމާއެކު ނިންމާލެވުމަކީ ލިބިވަޑައިގެންނެވި އުފަލެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ތަރައްގީގެ ރޮނގުން ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށާއި ރައްޔިތުން އެ ކަންކަން ބަލައިގަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެވުނުކަމުގެ އުފާ އަޅުގަނޑަށް އިހުސާސްކުރެވޭ. މުޅި ރާއްޖެއަށް ހަމަޖެހުން ގެނުވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން އެމަނިކުފާނު މިއަދު ވަނީ ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންފަ އެވެ. ފޯކައިދުއަކީ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.

ރައީސްގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.