އަންހެނުންނަށް ހުރިހާ ދާއިރާތަކުން ވެސް ފުރުސަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށާއި، ހަމަޖެހޭ އަމާން މުޖުތަމައެއް ބިނާކުރުމަށް އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރއީސް ވަނީ އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުން މުޖުތަމައުގެ ހަމަޖެހުމާ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ ގައުމު ތަރައްގީކުރުމުގެ މަސައްކަތުގައި މިހާރަށްވުރެ ވެސް އަންހެނުންގެ ދައުރު އިތުރުކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކޮށްފައިވާ މުހިންމު ކަންކަމުގެ މައްޗަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައިފަ އެވެ.
ނައިބު ރައީސް ފައިސަލް މިއަދު ނެރެދެއްވި "ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓް" އަދި "ބޯހިމެނުން 2022" ގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ބޯހިމެނުމުން ފެނިގެންދިޔަ ނަތީޖާއިން ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން ޕްލޭން ކުރުމުގައި އެންމެ މުހިންމު ދާއިރާތައް ދެނެގަނެވި އެ ދާއިރާތަކަށް އަހަންމިއްޔަތުކަން ދޭން ފަސޭހައަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، ނައިބު ރައީސް ވަނީ ހުރިހާކަމަކަށްވުރެ ގައުމު އިސްކުރުމަށާއި، ގައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ބާރުއަޅުއްވައިފަ އެވެ. އަދި ގައުމުގެ ތަރައްގީ ހާސިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވެވި އެވެ. ހަމަ އެއާއެކު އިގްތިސާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި އުޅޭބައެއްގެ ގޮތުގައި ވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
މި ޖަލްސާއަށް ފަހު ނައިބު ރައީސް ފައިސަލް ވަނީ ޔޫއެންއެފްޕީއޭ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދިޔަ "ފޮރ އެވްރީ އޭޖް" ފޮޓޯ މައުރަޒު ބައްލަވާލައްވައިފަ އެވެ. އިސްލާމީ މަރުކަޒުގެ ކޮރިޑޯގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ތަފާތު ވާހަކަތަކާއި ތަޖުރިބާތައް ދައްކާލާފައިވެ އެވެ. އަދި މި މައުރަޒަކީ އާބާދީ މުސްކުޅިވުން ހުއްޓުވުމުގައި ލައިފް-ސައިކަލް އެޕްރޯޗާއި ޖެންޑާ ޑައިމެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތު ކުރުމުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މައުރަޒެކެވެ. މި މައުރަޒުގައި 10 ފޮޓޯ ދައްކާލާފައިވެ އެވެ.