މިހާރު ފެންނަ މުންމިދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް އެއްބުރުން ކާމިޔާބު ކުރެވޭނެ މަންޒަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯޅިހު ވިދާޅުވެއްޖެ އެވެ.

ގަލޮޅުގެ ގެތަކަށް ޑޯޓްޑޯއަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ބޮޑު ނަތީޖާއަކުން އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތްފުޅުން އެއްބުރުން އަޅުގަނޑުމެން ނަގާނަން. ކުރީގެ ޓާގެޓަށް ދެވޭތޯ، 2018 ގަ އެ ލިބުނު ޓާގެޓަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އަޅުގަނޑަށް މިހާރު އެ މަންޒަރު އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ މަސައްކަތްކޮށްގެން ކަމަށާއި މަސައްކަތް ނުކޮށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށެވެ.

ރައީސް ސޯލިހު މިއަދު ކުރިއަށްގެންދިޔަ ޑޯޓްޑޯ ހަރަކާތުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

ގޮލުޅުގެ ގެތަކުގެ ރައްޔިތުންނާ ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގޯތި ލިބުމުން އެ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. ނަމަވެސް އެ ރައްޔިތުންނަށް ނެތީ އެ ގޯތި ލިބިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަމަށާއި ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދެއްވައި ގޯތި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައިވާއިރު، އެންމެ ވަރުގަދައަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ. އެ ދެ ބޭފުޅުން ވެސް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް އަންނަނީ ހިންގަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަދި އެއްވެސް ރަށަކަށް ކެމްޕެއިން ދަތުރުފުޅެއް ނުކުރައްވަ އެވެ. އޭގެބަދަލުގައި އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކުގައި ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.