ދިރިއުޅުމުގައި އެތައް ގޮން ޖެހުންތަކަކާ ކުރިމަތިލާން ޖެހެ އެވެ. އެ ގޮން ޖެހުންތަކަކީ ބޭނުންނުވާ އުނދަގޫ އެތައް ނިންމުމެއް ނިންމަން މަޖުބޫރު ކުރުވާ ގޮންޖެހުންތަކެކެވެ.
ޗައިނާއަށް ނިސްބަތްވާ މި މީހާއަކީ ވެސް ދިރިއުޅުމުގައި އެފަދަ ކަމެއް ދިމާވި މީހެކެވެ. އާއިލާއާ ޖެހުނު މައްސަލައެއްގައި އެ މީހުންނާ ވަކިވެ ބެއިޖިންގެ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާ ދިރިއުޅޭތާ މިހާރު 15 އަހަރުވީ އެވެ.
ވެއި ޖުއާންގުއޯގެ ދިރިއުޅުން އެއްކޮށް ބަދަލުވީ އުމުރުން 40 އަހަރުގައި އޭނާގެ ވަޒީފާ ގެއްލުމުންނެވެ. އުމުރުގެ ގޮތުންނާއި ހާއްސަ ތައުލީމެއް ލިބިފައި ނެތުމުގެ ސަބަބުން އިތުުރު ވަޒީފާއެއް ނުލިބި ވެއިގެ ހަމައެކަނި އާމްދަނީއަކަށް ވީ ސަރުކާރުން ދޭ 1000 ޔުއާންގެ އެލެވެންސް އެކެވެ.
ވެއިއަކީ އެންމެ ކުރީއްސުރެ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާ ބުއިމުގެ ނުބައި އާދަ އަށަގަނެފައިވާ މީހެކެވެ. ލިބޭ ކުޑަ އާމްދަނީގެ ބޮޑު ބައެއް މިކަންކަމަށް ހޭދަވާތީ ވެއިގެ އަންހެނުން އެކަން ހުއްޓާލުމަށް ނުވަތަ އެމީހުންނާ ވަކިވުމަށް ވެއިއަށް އިންޒާރު ދިނެވެ.
ވެއި ގަސްދުކުރީ އޭނާއަށް ލިބޭ އާމްދަނީއާއެކު އާއިލާއާ ވަކިވާށެވެ. ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބައެއް ވަދެ ނިކުމެ ހަދާ ކާރުބާރޫ ބޮޑު އެއާޕޯޓެއް އޭނާގެ ގެއަށް ހަދާށެވެ.
އޭގެ ފަހުން 15 އަހަރުވާން ކައިރި ވެފައިވާއިރު ވެއި ދިރިއުޅެމުން އަންނަނީ އެއާޕޯޓުގެ ވެއިޓިން ރޫމުއެއްގެ ތެރޭގަ އެވެ. އެތަނުގައި އޭނާގެ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި އަތުރާފައި ހުރެ އެވެ.
ވެއި ބުނާ ގޮތުގައި އޭނާގެ އާދައިގެ ދުވަހެއް އެހެން މީހުންނާ ދާދި އެއްގޮތެވެ. ބާޒާރަށް ގޮސް ދުވަހަށް ބޭނުންވާ ކާބޯތަކެތި ގަނެ ހަދަނީ އޭނާ އަމިއްލަ އަށެވެ.
މީގެ އަހަރުތަކެއް ކުރިން އެއާޕޯޓުގެ އިދާރާއިން ފުލުހުން މެދުވެރިކޮށް ވެއި އެއާޕޯޓުން ނެރުނު ނަމަވެސް އޭނާ ވަނީ ދުވަސްކޮޅެއް ފަހުން އެނބުރި ހަމަ އެ އެއާޕޯޓަށް އައިސްފަ އެވެ.
ވެއި ބުނާ ގޮތުގައި ކޮންމެ ދުވަހަކު އަނބިމީހާއާއެކު އަރާރުން ވުމަށްވުރެ ތޮއްބޮޑު އެއާޕޯޯޓެއްގައި ދިރިއުޅުން އޭނާއަށް މާ ހިތްފަސޭހަ އެވެ.