މިސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެމުއައްސަސާ މިހާރު ހިންގަނީ ޕްރޮފެޝަނަލް ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު މ.އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި މިއަދު އެއަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފޯރުވަމުން ގެންދެވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ނުފޫޒެއް ފޯރުވި އެއް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.
ފުލުހުންގެ މުއައްސަސާއަށް ނުފޫޒު އޮތް މިންވަރު ހާމަކޮށްދެއްވުމަށް މިސާލެއްގެ ގޮތުން ރައީސް ގެންނެވީ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ފަސް ބޭފުޅަކު އައްޔަން ކުރެއްވުމެވެ. ރައީސް ވިދާޅުވީ ބައެއް ކޮމިޝަނަރުން މަސް ދުވަސްތެރޭ ބަދަލުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިސަރުކާރުން އައިސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރީ ހަލަބޮލިކަމުން ދުރުވެ، އަމާންކަން ގާއިމްކޮށްދީގެން ރަށްރަށުގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ހިންގައިދިނުމަށް ކަމަށެވެ.
"ފުލުހުންގެ ތެރޭގައި ގާބިލް ބޭފުޅުން ތިއްބެވި ނަމަވެސް އެ ބޭފުޅުންނަށް މަސައްކަތެއް ކޮށްލަން ފުރުސަތެއް ނުލިބުނު. ކިހިނެއްތޯ މަސައްކަތެއް ކުރާނީ އަބަދު މަގާމުތަކުގައި ތިބޭ މީހުން ބަދަލު ވަންޏާ. މުޅި ފުލުހުންގެ ތެރޭގައި އޮތީ ސިޔާސީ ނުފޫޒު. އަޅުގަނޑުމެންނަށް ކުރަން ޖެހުނު ކަމަކީ ފުލުހުންގެ މުއައްސަސާ އޭގެ ޒާތުގައި ހިނގަން ފުރުސަތު ދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އުފަން ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ އިމްރާނަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ގޮތުން އިމްރާންގެ ހޯމް މިނިސްޓަރުކަމުގައި ފުލުހުންގެ މުއައްސާސާއަށް ވަރަށް ބޮޑު ބަދަލެއް ގެނެސް ދެއްވާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ކޮޅުފުއްޓަށް ކޮށްދެއްވާނެ ބައެއް މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ފަސް އަހަރު މުޅި ރާއްޖޭގައި ހިންގެވި ބައެއް މަޝްރޫއުތައް ފާހަގަ ކުރެއްވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިޖެނަމަ ކޮޅުފުއްޓަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން ކޮޅުފުށީގައި 50 ހައުސިން ޔުނިޓް އަޅައިދިނުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ރަށާ ކައިރިން ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގުން ހިމެނެ އެވެ.