މުލަކު އަތޮޅު ނާލާފުއްޓާއި މުލި ގުޅުވާލުމުގެ މަސައްކަތް ރިޔާސީ ދެ ވަނަ ދައުރުގައި ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިހާރު މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ނާލާފުށީގެ އެމްޑީޕީ އަދި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނާލާފުއްޓާއި މުލި ގުޅުވާލާނެ ކަމަށެވެ. އަދި މުލީގައި އަޅަމުންދާ އެއާޕޯޓްގެ މަސައްކަތް މިއަހަރު ނިމިގެންދިޔުމުން ދެރަށް ގުޅުމާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށުގައި [ނާލާފުށީގައި] ލިބެންނެތް ހިދުމަތްތައް ހޯދުމަށްޓަކައި އޭރުން މުއްޔަށް ފަސޭހައިން އެއްގަމު މަގުން ދެވޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ނާލާފުއްޓާއި މުލި، ކޯޒްވޭއަކުން ގުޅާލުމަށް 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމެނި އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓުގައި ވެސް މުލި ނާލާފުށި ކޯޒްވޭގެ މަޝްރޫއު ހިމެނި އެވެ.
ނާލާފުށީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ރަށުގައި މުޅިން އާބަނދަރެއް އެޅުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ. އަދި ދެން އަންނަ ދައުރެއްގައި ނާލާފުށީގެ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށާއި ބިން އިތުރުކޮށްގެން ފްލެޓް އަދި ރޯހައުސް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ނާލާފުށި ފަދަ ކުދި އާބާދީތަކަކީ މީގެ ކުރީގެ ސަރުކާރުތަކަށް މުހިންމު ތަންތަނެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ މި ރަށްރަށުގެ އާބާދީ ކުޑަވުމުން ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތަކުގައި މި ރަށްރަށް މުހިންމު ނުވުމެވެ.
"ކުރީގެ ސަރުކާރުގެ ސިޔާސަތުގައި ނަމަ 15-20 އަހަރު ފަހުން ތަރައްގީގެ މަޝްރޫއުތައް އަންނާނީ މި ރަށަށް. އަޅުގަނޑުމެން މި ކޯލިޝަނުން ގަބޫލުކުރަނީ ލިބެން ޖެހޭ އަސާސީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ވަކި ރަށެއް ތަފާތުނުކޮށޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ކެމްޕޭންގައި މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮޅުފުށްޓާއި ނާލާފުށީގެ އިތުރުން މުލި އަދި މުލަކަށް ވަޑައިގަންނަވާނެ އެވެ. އޭގެފަހުގައި ވ. އަތޮޅަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެ އެވެ.
ތިލަމާލެ ބުރިޖް އަންނަގޮތަށް އައުސް މި ދެރަށާވެސް ގުޅާލިއްޔާ މާ ދިގުވާނެ!؟