އަންނަ ސެޕްޓޭމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަމާއި ބާރަށް ނޫޅެވިފައި ތިބީ އިންތިހާބާއި މެދު ޔަގީންކަން ނެތުމުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން އާންމުކުރި ވީޑިއޯ މެސެޖެއްގަ ގާސިމް ވިދާޅުވީ އިންތިހާބުގައި ކުރިމަތިލުމަށް މިމަހުގެ 23 ވަނަ ދުވަހު އިލެކްޝަންއިން ހުޅުވާލުމުން ކުރިމަތި ލުމަށް ނަން ހުށަހަޅާނެކަމަށެވެ. އިލެކްޝަނުން މިކަމުގައި ނިންމަވާ ގޮތަކާއިމެދު ބައްލަވައި ކެމްޕެއިންގެ ކަންކަންވެސް ފަށާނެކަމަށް ގާސިމް ވިދާޅުވި އެވެ.

"މިހާރުން ކެންޑިޑެންސީވެސް މިއޮތީ ލާން ވަރަށް ކައިރިވެފަ. މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއޮތީ އެކަން ކުރަންޖެހޭ ގޮތަށް. އެހެންވީމަ ހަމަގައިމުވެސް އެއަށްވުރެ ލަސްވެގެނެއް ނުވާތާ ދެއްތޯ. އަޅުގަނޑުމެން ކެންޑިޑެންސީ ލީމަ، ބަލައިގަންނަ ކަމެއް، ނުގަންނަކަމެއްވެސް އެނގޭނީ ލީމާ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެންމެ ފުރަތަމަ ކެމްޕޭނަމަށް ނިކުމެ އަވަސް އަރުވާލައިގެން އުޅުމަކީ ވެސް އަދި މާމޮޅުތަކެއް ވާނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ސީދާ ކެމްޕޭނުގައި އަދި ނޫޅުއްވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ

"ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަސްމީކޮށް އެރުވީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެވެ.

ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ