ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތައް ނިންމަމުން ދަނީ އިންސާފުވެރިކޮށް ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި "ކޯޓަށް ފަރިތަ" ކެމްޕެއިން އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން މަސައްކަތް ކުރަމުންދަނީ ވެސް ވަރަށް އިހްލާސްތެރިކަމާއެކު ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިފަހުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތްކޮށް ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލާފައިވާނެ ކަމަށެވެ. އެ ދަތުރުގައި ފަނޑިޔާރުން މީގެކުރިން ނިންމާފައި ހުރި ޝަރީއަތްތައް ހިންގާފައި ހުރިގޮތް އެނގުނު ކަމަށާއި އެ މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ވަނީ ވަރަށް ފުރިހަމައަށް ލިޔެ ތަރުތީބުކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ކިޔާލުމުން ފަނޑިޔާރުންގެ ކުރިމައްޗަށް ގެނެވޭ މީހުންނާއި ކުރެވިފައިވާ ސުވާލުތަކަށް އެމީހުން ދީފައިވާ ޖަވާބުގެ ތެދުވެރިކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަދުލުއިންސާފު ގާއިމްކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

"އަދުލު އިންސާފު ޤާއިމްކުރެވޭނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޒިންމާދާރު، އިންސާފު ލިބޭނެ އެންމެހާ ގޮތްތަކަކީ ކޮބައިތޯ ބަލައި ސާފުސީދާކޮށް އަޅުގަނޑުމެން ކުރިމައްޗަށް ގެނެސްދީ،ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައި ދީގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.