ތޮށިގަނޑެއް ހިއްޕަވައިގެން އެހެން ޕާޓީތަކުގެ ވާހަކަ ނުދެއްކުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ގޮވާލައްވައިފި އެވެ.

ޝިޔާމް މިގޮތަށް ގޮވާލެއްވީ ރައީސް ސޯލިހުގެ ދެވަނަ ދައުރެއްގައި އެއްވެ އުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އިމްރާންގެ އަމިއްލަފުޅު ޕާޓީގައި ހުކުރު ހަމަނުވާ ކަމަށެވެ. އަދި ތޮށިގަނޑެއް ހިއްޕަވައިގެން އެހެން ޕާޓީތަކުގެ ވާހަކަ ނުދެއްކެވިއްޔާ މާ ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

"ޓެރަރިޒަމްއަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ތާރީހެއް އޮތް ބޭފުޅެއް. ހައިރާނެއް ނުވޭ. ސިޔާސީ މަންފާއަށް ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ." ޝިޔާމް ވިދާޅުވި އެވެ.

ދިއްގަރަށް ރައީސް ސޯލިހު ވަޑައިގަތުމުން އެރަށުގައި ކުރި މުޒާހަރާއާ ބެހޭ ގޮތުން އިމްރާން ވިދާޅުވީ އެއީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަށް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތް ހިންގަން ރާއްޖެ މިއަދު ތަސައްރަފު ފުދިފައި އޮތީ ވައުދު ވިއްކައިގެން ކަމަށާއި ގަޔަށް ބޮލަށް އަރައިގެން ކަންކަން ކުރި ދުވަސްވަރު މާޒީވެގެން ގޮސްފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހު ބައެއް ރަަށްރަށަށް އަރާ ވަޑައިގަތުމުން ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެ ދިއްގަރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 3 މީހުން ހައްޔަރު ކޮށްފަ އެވެ.