ވ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފި އެވެ.

އެމަނިކުފާނު ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައި ރައީސް ވަނީ އެ ހޯލު ބައްލަވާލައްވައިފަ އެވެ. މި ހޯލު މިއަދު ހުޅުވިގެންދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ ޢިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް އިމާރާތްކުރުމުގެ މަސައްކަތް މިވަގުތު ހިނގަމުންދެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.