ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސް ސޯލިހު މިއަދު ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ހޯރަފުއްޓަށެވެ. އެރަށް ވަޑައިގަތުމުން އެރަށުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ފަސް ރަށަކަށް ވަޑައިގަންނަވާނެ އެވެ.

އެއީ ހޯރަފުށީގެ އިތުރުން އެ އަތޮޅު ތުރާކުނާއި އުލިގަމާއި މޮޅަދޫ އާއި އިހަވަންދޫއަށެވެ. އަދި ހއ. މާރަންދޫ އާއި ތަކަންދޫ އާއި ކެލާ އަދި ވަށަފަރު އަދި ދިއްދޫ އަށް ވަޑައިގަންނަވާނީ މާދަމާ އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިހަވަންދޫ އާއި ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގައި ބާކީ ހުރި ރަށްރަށުގައި ކަންމަތީ ބައްދަލުވުންތައް ބާއްވާނެ އެވެ.

ރައީސް ސޯލިހު ހއ.އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު ހޯރަފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ.. ފޮޓޯ: ރައީސްގެ ކެމްޕޭން ޓީމް

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ވަޑައިގަތީ ށ. އަތޮޅަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަނީ ކ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަކަށް ވަޑައިގެން ރިޔާސީ ކެމްޕެއިން ކުރައްވައިފަ އެވެ.