ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ.

މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްގީކުރި ބަނދަރު ރައީސް ސޯލިހު ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެރަށުގެ ބަނދަރު ސަރަޙައްދުގައި އެކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ހުޅުއްވައިދެއްވި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެ އެވެ.

މޮޅަދޫ އާ އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފަ އެވެ. އަދި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިއަދު ހުޅުވި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް ހަތަރު މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.