އެމްޑީޕީގެ އަބަދު ސަރުކާރު ބަދަލުކުރާ ބައެއްގެ ގޮތުގައި ތިބުމަކީ އެޕާޓީގެ ސިޔާސަތެއް ނޫން ކަމަށާއި ވެރިކަމަށް އައުމަށްފަހު ދެން ކުރަންޖެހޭނެ ކަމަކީ ވެރިކަން ދެމެހެއްޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހާރު ހއ .އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާރަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އަބަދު ވެރިކަން ބަދަލުކުރުން ނޫން ކަމަށެވެ. ވެރިކަމަށް އައުމަށްފަހު އެވެރިކަން ދިފާއުކޮށް އެކަމަށް މަސައްކަތް ވެސް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި އަދިވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން ހުރި ބޭފުޅުން އެބަތިބި ކަމަށާއި އެއީ ހަރުލާފައި ނުނެއްޓި ހުރި ސިފައެއް ކަމަށެވެ.
"އަބަދު ސަރުކާރު ބަދަލު ކުރާ ބަޔަކަށް އެމްޑީޕީ ވެގެނެއް ނުވާނެ. އަދި ސަރުކާރުގައި ތިބެގެ ވެސް ސަރުކާރު ބަދަލު ކުރާ ބަޔަކަށް، ވެރިކަން ބަދަލު ކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން. ވެރިކަމުގައި ތިބެން، ހިދުމަތް ކުރަން ވެސް ދަސް ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާރަންދޫ އެމްޑީޕީއަށް 2008 ގައި އޮތީ 17 ޕަސެންޓްގެ ތާއީދު ނަމަވެސް 2018 ވަނަ އަހަރު އެ ތާއީދު 50 ޕަސެންޓުން މައްޗަށް އުފުލިފައިވާ ކަމަށާއި ކުރިޔަށް މިއޮތް ވޯޓްގައި އެ ޕަސެންޓޭޖް މަތިވާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން މި އަހަރު އެތައް ގުނައެއް މައްޗަށް ޖެހިގެން ދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި މާރަންދޫގެ ނަތީޖާ މި ބަދަލުވީ މި ސަރުކާރުންވާ ވައުދުތައް ފުއްދާކަމާއި ފުއްދައި ދޭނެކަމުގެ ޔަގީންކަން މާރަންދޫގެ ރައްޔިތުންނަށް ކަށަވަރުވާތީ ކަމަށެވެ.
މާރަންދޫގައި ރައީސް އެރަށަށް ބައެއް ވައުދުތައް ވެސް ވެވަޑައިގެންނެވި އެވެ. އެގޮތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި, ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ބޭނުންވާ މުވައްޒަފުން ހަމަކޮށްދިނުމާއެކު ލެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދިނުން އޭގެ ތެރޭގައި ހިމެނެ އެވެ. ރަށު ކައުންސިލް އިދާރާ އިމާރަތް ކުރުމާއި, ފުލުހުންގެ ހިދުމަތް އަދި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދިނުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންނެވި އެވެ.