ނިމިގެންމިދާ ފަސް އަހަރުގެ ތެރޭގައި މިނިވަން މުއައްސަސާތަކުން ކުރަމުންގެންދިޔަ ކަންތައްތަކަށް ސަރުކާރުން ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި އެ މުއައްސަސާއަކަށް ލިބިފައިވާ ގާނޫނީ އިހުތިޔާރު ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު ހއ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު އެއަތޮޅު ކެލައަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޝަރުއީ ދާއިރާ ވެސް އޮތީ އެގޮތަށް ކަމަށާއި އޮޑިޓާ ޖެނެރަލް އާއި އޭސީސީ އާއި ސިވިލް ކޮމިޝަނުން ވެސް ކަންކަން ކުރަމުންދަނީ ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ތެރެއިން ކަމަށެވެ.

ހއ.ކެލާއަށް ރައީސް ސޯލިހު ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

"ބައެއް ފަހަރު ބައެއް ބޭފުޅުން ފޯނުކޮށްލާފައި އަޅުގަނޑު ކައިރި އެބަ ވިދާޅުވޭ، ރައީސް މިއިން ތަނަކަށް ގުޅާލާފައި ބުނީމަ އެމީހުން ހުއްދަ ދޭނެއޭ. މިސާލަކަށް އޭސީސީގައި އޮންނަ މައްސަލައެއް ނިންމަން އަޅުގަނޑު ކިހިނެއްތޯ ގުޅާފައި މިވެނި މައްސަލައެއް މިހެން ނިންމަން ބުނާނީ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭސީސީން އަމަލުކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ކަން ކުރަންވާ ގޮތް ބުނެދޭންޖެހޭނީ އެމަނިކުފާނު ނޫން ކަމަށެވެ. އަދި ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހއ.ކެލާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

"އޭސީސީގައި އޮންނަ މައްސަލައެއް ނިންމަން ކިހިނެއްތޯ ގުޅާފައި މިވެނި މައްސަލައެއް މިހެން ނިންމާށޭ ބުނާނީ. އެއީ ކުރެވޭނެ ކަމެއް ނޫން. އޭސީސީން ކަންތައްތައް ކުރާނީ އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން." ރައީސް ސޯލިހު ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އަމާން މުޖުތަމައުއެއް ގާއިމްުކުރުމަށާއި ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ހއ.ކެލާގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: ކެމްޕޭން ޓީމް

ކުރިއަށް އޮތް އިންތިހާބުގައި ވިސްނުމެއް ނެތި ދެވޭ ވޯޓަކުން އަނެއްކާވެސް ކުރިން ދެކުނު ބިރުވެރިކަމާއި ހަމަނުޖެހުމަށް ގޮސްދާނެ ކަމަށެވެ. އަދި ތަރައްގީއަށް ހުރަސްވެސް އެޅިދާނެ ކަމަށް ރައސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށާއި، އައްޑުއަށާއި، މެދުރާއްޖެތެރެއަށް ގެންނަ ބަދަލުގެ ފަހަތުގައި އޮތީ ރާއްޖޭގެ އިގްތިސާދު ދެގުނު ކުރުން ކަމަށެވެ. އަދި ޒުވާނުންނަށް އާ ފުރުސަތުތައް ހުޅުވައިދިނުމާއި، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުންވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ހއ.ކެލާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

ރައީސް ވަނީ ވާހަކަފުޅު ނިންމަވާލަމުން ބޮޑުތިލަދުންމައްޗާއި މުޅި ރާއްޖެ އެކުގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކުގައި އޮތް ކޯލިޝަނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.