މާލެސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީ ކުރަންފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލެސިޓީގެ ހަތަރު ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެޓީ" އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަހައްދު ތަކުގެ ތެރެއިން ފާހަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ދަނީ ތަރައްޤީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްޤީ ކޮށްފައިވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެންކަން ފާހަގަކޮށްލެވެ އެވެ.

މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފަ އެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ސަރަހައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފަ އެވެ. އެހެންނަމަވެސް ހަތަރު ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.

ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފަ އެވެ.