މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގެ ތެރެއިން ހަށިވިއްކުމުގެ މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މަައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން އާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓުމެންޓް އަދި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރާއި 39 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ދެ އަންހެނަކާއި 43 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

އެގޮތުން 3 އަންހެނުންގެ ބަންދަށް 15 ދުވަސް، 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.