ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގައުމުތަކުގެ ލިސްޓުގެ އެއް ވަނައަށް އަނެއްކާ ވެސް ރަޝިއާ އަރައިފި އެވެ.

މި އަހަރުގެ ފުރަތަމަ ކޮޅު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް ރަޝިއާ އޮތް ނަމަވެސް ފަހުން ލިސްޓުގެ އެއްވަނާގައި އޮތީ އިންޑިއާ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ މަގާމުގައި މިހާރު އޮތީ ރަޝިއާ އެވެ. އެ ގޮތުން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު 119،405 އަށް އަރަ އެވެ.

ލިސްޓުގެ ދެވަނާގައި މިހާރު އޮތީ އިންޑިއާ އެވެ. އެ ގައުމުން މިހާތަނަށް 118،638 ފަތުރުވެރިން އައިސްފައިވެ އެވެ. ތިން ވަނާގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް މިހާތަނަށް އައިސްފައި ވަނީ 85،884 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާއިރު ހަތަރުވަނާގައި އޮތް ޗައިނާއިން އައީ 80،769 ފަތުރުވެރިންނެވެ.

ރާއްޖޭގެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެހެން ގައުމުތަކުގެ ތެރޭގައި ޖަރުމަނު، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމްލަ އައިސްފައި ވަނީ 1،016،719 ފަތުރުވެރިންނެވެ.