ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އެޕާޓީ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށްޓަކައި މާލޭ ސަރަހައްދުގައި ދޮރުން ދޮރަށް ހަރަކާތްތައް ރަސްމީކޮށް ފަށައިފި އެވެ.

މި ހަރަކާތް ރަސްމީކޮށް ފެށުމަށް ކުނޫޒުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވާހަކަ ދައްކަވާފައިވެ އެވެ.

އެގޮތުން މި ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގާސިމްގެ އެޑްވައިޒަރު، ކުރީގެ ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތް 55 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ދޮރުން ދޮރުން ހިނގާނެ އެ ޕާޓީގެ 50އެއްހާ މަންދޫބުން ބައިވެރިވި އެވެ.

ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓް، ގާސިމް އިބްރާހީމަށް ރަސްމީކޮށް ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ.

ގާސިމްގެ ކެމްޕޭން ޝިއާރަކީ "ހާސްކަނޑާލާ! ހަމަޖެހޭނެ!" އެވެ. ރިޔާސީ އިންތިހާބަށް ގާސިމް ގެންގުޅުއްވަނީ މައިގަނޑު 21 ވައުދެކެވެ.

ޖޭޕީގެ ދޮރުންދޮރަށް ހަރަކާތް މިއަދު ރަސްމީކޮށް ފެށި ނަމަވެސް ޖޭޕީގެ ޓީމުތައް އަތޮޅު ތެރޭގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.