ކ. މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެ މަނިކުފާނުގެ ވަކީލުން ބައްދަލުކުރިޔަ ނުދީ މިއަދު ހުރަސްއަޅާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ވަކީލުން ޔާމީންއާ ބައްދަލުކުރަން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން ދެކޮޅު ހެދީ ވަކީލުން ގެންދިޔަ ފައިލެއް އެ އޮފިޝަލުންނަށް ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދުމުން ކަމަށްވެ އެވެ.

ޕީޕީއެމްގެ ތަރުޖަމާން، ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޔާމީންއާ ބައްދަލުކުރަން ވަކީލުންނަށް މިއަދު އޮތީ ވަގުތު ދީފައި ކަަމަށެވެ. އެކަމަކު މާފުއްޓަށް ވަކީލުން ވަޑައިގަތް ފަހުން އެ ބައްދަލުވުން ކުރިއަށް ގެންދަން ހުރަސްއަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް މިކަން ކޮށްފައި ވަނީ ޕީޕީއެމުން ތުހުމަތު ކުރި ގޮތުގައި ހޯމް މިނިސްޓަރު އިމްރާންގެ އެންގެވުމަށެވެ.

"މިނިސްޓަރު އިމްރާންގެ އެންގެވުމަށް، ބައްދަލުވުމަށް ހުރަސްއަޅައި ރައީސް ޔާމީންއާ ލޯޔަރުންނަށް ބައްދަލުކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެކަން ހަރުކަށިކޮށް ކުށްވެރިކުރަން،" ހީނާގެ މެސެޖުގައި ވެ އެވެ.

ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމަށް ތުހުމަތުކޮށް ވަކީލުންނަށް ހުއްދަ ނުދިން އިރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެ ޕާޓީން އިއްޔެ ބުނެފައިވެ އެވެ. އަދި ޖަލު ހުކުމެއް ތަންފީޒު ކުރެއްވިޔަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ މަނިކުފާނުގެ ފޯމު އިލެކްޝަންސަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަކާ ހަމައަށެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ "ތިޔަ ވަރަށް ރ. ޔާމީނުގެ އަސާސީައްގުތަކަށް އަރައިގަތުމުން އެނގެނީ ތިތިބީ ގޯސްހަދައިގެންކަން" ކަމަށެވެ. އަދި މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ގާނޫނުގެ ބޭރުން ހުރަސް އަޅައިފި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަކީލާ މުވައްކިލުގެ ދުސްތޫރީ ޙައްގަކީ އިމްރާން ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ؟" ޑރ. ސުވާލުކުރެއްވި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ވަކީލާއި މުވައްކިލާ ދެމެދު އުފައްދާ ލިޔެކިޔުމަކީ ވަކީލުންގެ ފަންނަނުގެ ގާނޫނުގެ 38 ވަނަ މާއްދާ އިން ހިމާޔަތް ލިބިގެންވާ ލިޔެކިޔުން ކަމަށެވެ. އެ ލިއުންތައް ބެލުމުގެ ހައިސިއްޔަތެއް ޖަލު އޮފިސަރުންނަށް ލިބިގެން ނުވާ ކަަމަށް ވިދާޅުވި އެވެ.

"ލިޔެކިޔުން ނުދައްކަނީސް ބައްދަލުވުން ނުދޭނެ ކަމަށް އެންގި ހިސާބުން ޖަލު އޮފިސަރުން ގާނޫނުއަސާސީއާ ގާނޫނާ ޚިލާފްވެއްޖެ،" ޝިޔާޒް ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ބުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ ވަކީލުން ބައްދަލުވުމަށް މިއަދު ގެނައި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާދާފައި ވާތީ, ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ކުރާއިރު، އެމަނިކުފާނުގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަކީލުން ބުންޏެވެ.